07 Dec 2016, 13:04
ވޮޝިންޓަން (ޑިސެމްބަރު 7): ޓުވިޓާ މެދުވެރިކޮށް ދޮގު ހަބަރު ފެތުރުމާ ގުޅިގެން ޑޮނަލްޑް ޓްރަމްޕްގެ ޓްރާންޒިޝަން ޓީމުގެ މެމްބަރެއް ކަމަށްވާ މައިކެލް ޖީ ފްލިން ވަކިކޮށްފި އެވެ.
ފްލިން ވަކިކުރީ "ޕިއްޒާގޭޓް"ގެ ނަމުން މަޝްހޫރުވެފައިވާ ދޮގު ހަބަރެއް ފެތުރުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެހަބަރުގައިވާ ގޮތުން ވޮޝިންޓަން ޑީސީގައި ހުންނަ ކޮމެޓް ޕިންގް ޕޮންގެ ކިޔާ ޕިއްޒާ ރެސްޓޯރެންޓަކީ ހިލަރީ ކްލިންޓަންއާ ގުޅުން ހުރި ކުޑަކުދިން ޓްރެފިކް ކުރާ ތަނެކެވެ.
ފްލިންގެ އިތުރުން ކަނާތު ފިޔައިގެ ބްލޮގްތަކުން އެ ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން އެ މައްސަލަ "ތަހުގީގު" ކުރުމަށް ޓަކައި ނޯތް ކެރޮލައިނާގެ މީހަކު ވަނީ ރެސްޓޯރެންޓު ތެރެއަށް ވަދެ އެތަނުގެ މުވައްޒަފަކަށް އަމާޒުކޮށް ބަޑި ޖަހައިފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ދޮގު ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމުގެ ސަބަބުން ލިބިދާނެ ގެއްލުން އެ ހާދިސާ އިން އެނގިގެންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް ބަޑި ޖެހުމުގެ ހާދިސާ އަށް ފަހު ވެސް ފްލިން ވަނީ ޕިއްޒާގޭޓް ހަބަރަކީ ދޮގު ކަމަށް ސާބިތު ނުވާހާ ހިނދަކު އެއީ ދެމިއޮންނާނެ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ޓްރަމްޕުގެ ޓްރާންޒިޝަން ޓީމުން ފްލިން ވަކި ކުރި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނާ އިރު ސީބީއެސް ނިއުސްގައިވާ ގޮތުން ފްލިން ވަނީ އޭނާ މަގާމުން ވަކި ކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ.
ފްލިން އަކީ ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމަށް އައްޔަންކޮށްފައިވާ މައިކަލް ޓީ ފްލިންގެ ދަރިފުޅެވެ. އޭނާ ވެސް ވަނީ އެދޮގު ހަބަރުގެ އިތުރުން ހިލަރީގެ މައްޗަށް ސާބިތު ނުހިފޭ ތުހުމަތުތައް ޓުވިޓާގައި ޕޯސްޓުކޮށް، އިސްލާމް ދީނާ ދެކޮޅު އެތައް ޕޯސްޓުތައް ޝެއާކޮށްފަ އެވެ. އެހެންކަމުން ގައުމީ ސަލާމަތާ ބެހޭ ކަންތައްތަކާ ބެހޭ ގޮތުން ރައީސަށް އިރުޝާދު ދިނުމުގެ ގާބިލުކަން އޭނާ އަށް ލިބިގެން ނުވާ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)