07 Dec 2016, 12:43
ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޖަޕާނުގެ ސަރުކާރާއި ރައްޔިތުން ދޭ އެހީއަކީ ދުވަހަކުވެސް އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި، ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓަރ ޑރ. އާސިމް ވިދާޅުވީ، ބަލާލި ކޮންމެ ދިމާލަކުން ވެސް ޖަޕާނުން ވެދީފައިވާ އެހީތައް ފެންނަމުން ދާ ކަމަށެވެ.
"އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނެވި ގޮތުގައި މަސްވެރިކަން ކުރިއެރުވުމާއި، ޒަމާނީ މުވާސަލާތާއި ބްރޯޑްކާސްޓިންގްގެ އިތުރުން ދަތުރުފަތުރާއި ތައުލީމާއި، އަދި 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ރާއްޖެ އާރާސްތު ކުރުމުގައި ޖަޕާނުން ވަނީ އަގު ނުކުރެވޭ ޚިދުމަތްތަކެއް ކޮށްދީފައި. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ޖަޕާނުގެ އެހީ ފޯރައިފި،" ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯގެ އުފަންދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯގެ އުފަންދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރ ވިދާޅުވީ، މާލޭގެ ބައެއް ސްކޫލް އިމާރާތްތަކާއި، އާޓިފިޝަލް ބީޗާއި ޓެލެކޮމް އިންފްރާސްޓްރަކްޗަތުގެ އިތުރުން ޓީވީއެމްއާއި މާލޭގެ ކޯސްޓަލް ޕްރޮޓެކްޝަން ނިޒާމާއި ޓެޓްރާޕޮޑް ޖަހައި، ހަދާފައިވާ ސީވޯލްއަކީ، ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް، ރޭވުންތެރިކަމާއި ކާމިޔާބާއި އެކު ޖަޕާނުން ފޯރުކޮށްދީފައިވާ އެހީގެ ބައެއް މިސާލު ކަމަށެވެ.
ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ވޮލަންޓިއާ ޕްރޮގްރާމަކީ ނަތީޖާ ނެރެދޭ، ރަނގަޅު މަސައްކަތެއް ކަމަށެވެ.
"ރާއްޖޭގައި ހުންނަވާ ޖަޕާނުގެ އެމްބެސެޑަރ ކަޒޫމީ އެންޑޯއަކީ ކުރިން ކޮލޮމްބޯގައި ހުންނެވި ޗީފް އިކޮނޮމިކް އޮފިސަރ. ރާއްޖޭގައި ހިންގި ގިނަ މަޝްރޫއުތައް ހިންގެވީ އެމަނިކުފާނުގެ ބެއްލެވުމާއި ރޭވުމުގެ ދަށުން،" ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި ޖަޕާނުގެ ރެޒިޑެންސް އެމްބަސީއެއް ހުޅުވުމަކީ، ދެގައުމުގެ ރައްޔިތުންނާއި ރައްޔިތުންގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއް ކަމަށެވެ.
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯގެ އުފަންދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯގެ އުފަންދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޖަޕާނުގެ ޕްރައިވެޓް ސެކްޓަރުން ރާއްޖެއަށް އޮތް ޝައުގުވެރިކަން މިހާރު ދަނީ އިތުރުވަމުންނެވެ. އަދި އަހަރުތަކަކަށް ފަހު، ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ޖަޕާނު ރައްޔިތުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށައިފައެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ސަފީރުންނާއި މަންދޫބުންގެ އިތުރުން އެހެނިހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.