07 Dec 2016, 11:14
ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ޅޮހި ބޯޅަ ޓީމު ބަލިކޮށް، މިލަދޫން ސެމީ ފައިނަލުގެ އުންމީދު އާކޮށްފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު 'ގްރޫޕް ބީ'ގެ ޅޮހި ޓީމުގެ މައްޗަށް މިލަދޫ ކުރި ހޯދާފައި ވަނީ 2-0 ލަނޑުންނެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިލަދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 2-0 ލަނޑުން ---
އެ މެޗުގައި މިލަދޫ ޓީމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި މިލަދުއަށް އަހްމަދު ވިއާމް ލީޑު ހޯދައިދިން އިރު، މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ސަބީން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިލަދޫގެ މުހައްމަދު މައުރޫފެވެ.
އެ ނަތީޖާއާ އެކު 'ގްރޫޕް ބީ'ގެ އެއް ވަނައިގައި އޮތް ހޮޅުދޫ އެފްސީއާ ޕޮއިންޓްގެ ގޮތުން މިލަދޫ ވަނީ އެއްވަރުކޮށްފައެވެ. ހޮޅުދުއާއި މިލަދުއަށް ވެސް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އެ ގްރޫޕްގެ އެއް ވަނަ ކަށަވަރުވާނީ މި މަހުގެ 13 ވަނަ ދުވަހު ހޮޅުދުއާއި މިލަދޫ ބައްދަލުކުރާ މެޗަށްފަހު އެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ހެނބަދޫ އެފްޓީ އާއި ޅޮހި ބޯޅަ ޓީމަށް ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެ ދެ ޓީމަށް ސެމީއަށް ދިއުމުގެ އުންމީދެއް ނެތެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިލަދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 2-0 ލަނޑުން ---
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީ އެފްސީ އާއި އެފްސީ މާފަރެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިލަދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 2-0 ލަނޑުން ---
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.