07 Dec 2016, 10:55
ދިވެހިރާއްޖޭގެ އޭވިއޭޝަން ސިނާއަތަކީ ކުރިމަގު އޮތް މަންފާ ބޮޑު އިޤްތިޞާދީ މަސައްކަތެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ، ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޒަމީރު ދެއްވި ހިޠާބެއްގައި ވިދާޅުވީ، ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އޭވިއޭޝަން ސިނާއަތް ވަރަށް ހަލުއިކަމާއެކު ކުރިއަރަމުން ދާއިރު، ސަރަހައްދުގެ ވަޒީފާގެ އާބާދީގެ 1.4 އިންސައްތަ ހިއްސާކުރަނީ އޭވިއޭޝަން ދާއިރާ ކަމަށެވެ.
"މި ސިނާޢަތް ކުރިއަރަމުން މިދާ ނިސްބަތުގައި ހިފެހެއްޓިއްޖެ ނަމަ 2035 ވަނަ އަހަރު، ޔޫރަޕާއި އުތުރު އެމެރިކާ ސަރަޙައްދުގައި ދަތުރު ކުރާ ފަސިންޖަރުންގެ ޢަދަދު އެއްކޮށްލުމުން ޖުމުލަ ޖެހޭ ޢަދަދަށްވުރެ، މި ސަރަޙައްދައި މަދަނީ މަގުން އުދުހޭ ފަސިންޖަރުންގެ ޢަދަދު އިތުރުވާނެ. އަދި މުޅި ސަރަޙައްދުގެ ޖީޑީޕީ %215 ކުރިއަރާނެކަމަށް ވެސް އަޔާޓާއިން ހާމަކުރޭ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)އިން މި އަހަރު އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި ސަރަޙައްދުގެ ވަޒީފާ އާބާދީގެ %1.4 ހިއްސާކުރަނީ އޭވިއޭޝަން ދާއިރާއެވެ. އަދި ސަރަހައްދުގެ ޖީޑީޕީގެ އެއް އިންސަތަ ޙިއްސާ ކުރަނީ ވެސް މި ސިނާއަތެވެ.
ރާއްޖޭގައި ވެސް މިހާރު ބައިނަލްއަގްވާމީ ހަތަރު ވައިގެ ބަނދަރާއި މަދަނީ ހަތް ވައިގެބަނދަރު ހިންގަމުންދާއިރު، އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން، ރާއްޖެއަކީ ޖީޑީޕީ ގައި ނިސްބަތުން އެންމެ ބޮޑު ޙިއްސާއެއް އެކުލެވޭ ގައުމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ޖީޑީޕީގެ %10.3 އަކީ މި އިންޑަސްޓްރީގެ ޙިއްސާ. އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން، ރާއްޖެއަކީ ޖީޑީޕީ ގައި ނިސްބަތުން އެންމެ ބޮޑު ޙިއްސާއެއް އެކުލެވޭ ގައުމު. މިއަދު ދިވެހިރާއްޖޭގައި ވެސް މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތައް ދަނީ އިތުރުވަމުން. އަދި ކުރިއެރުމާއި ތަރައްގީގެ ދޮރުތައް ވަނީ ވަރަށް ފުޅާކޮށް ހުޅުވިފައި،" މިނިސްޓަރު ޒަމީރުގެ ހިޠާބުގައި ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ގިނަ އަދި އެހާމެ ތަނަވަސް ސިނާޢަތެއް ކަމަށެވެ. އަދި މި ދާއިރާއިން ރާއްޖެގައި އޮޕަރޭޝަންތައް ހިންގާ ހުރިހާ ފަރާތްތަކުންވެސް ދަނީ ހަރަކާތްތައް ގިނަކޮށް އިތުރަށް ފުޅާ ކުރުމުގެ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރަމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ ސިޔާސަތަކީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތް މިހާރު ކުރިއަރަމުން އަންނަ ދުވެލި ހަލުއި ކުރުން. އިންވެސްޓް ކުރުމަށް މިހާރުވެސް ލިބިފައިވާ ފުރުޞަތުތައް ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން އިތުރަށް ފުޅާކުރުން. ފަތުރުވެރިކާމާއި އިޤްތިޞާދީ ޙަރަކާތްތަކާ ގުޅި ލާމެހިފައިވާ މި ސިނާޢަތުން ލިބޭ މަންފާ ގުނަ ކުރުން.
ޒަމީރު ވިދާޅުވީ، މުޅި ރާއްޖޭގެ އިޤްތިޞާދު ނަގަހައްޓައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް، އަދުގެ ސަރުކާރުން ކުރާ މަސައްކަތުގައި އޭވިއޭޝަން ސިނާޢަތުގެ ހިއްސާ އިތުރުކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ މި ސިނާޢަތަށާއި ޢާންމުކޮށް މުޅި އިޤްތިޞާދަށް ކުރިއެރުން ލިބޭނޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، މިހާރުވެސް ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތަރައްގީއަށް ބިޔަ ބޮޑެތި މަޝްރޫއުތަކެއް ފަށައިފައެވެ. އެގޮތުން، އައިއެންއައިއޭގެ ތަރައްގީގެ މަޝްރޫއާއި، އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.
ބައިނަލްއަގްވާމީ ހަތަރު އެއާޕޯޓާއި ޑޮމެސްޓިކް ހަތް އެއާޕޯޓް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ރާއްޖޭގައި ހަތަރު އޮޕަރޭޓަރަކާއި ފްލައިންގ ސްކޫލެއްގެ ފަރާތުން ރަޖިސްޓްރީ ކޮށްގެން ދުއްވާ މަތިންދާ ބޯޓުގެ ޢަދަދު 83 ށް އަރައެވެ.
ވައިގެ މަގުން ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު، އަހަރުން އަހަރަށް އިތުރު ވަމުންދާއިރު މިދާރިއާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެވެސް ވިސްނުން ހުރީ އޮޕަރޭޝަންތައް ފުޅާކޮށް އިތުރު ކުރުމަށް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި އޭވިއޭޝަން ދާއިރާއާ ގުޅޭ އިތުރު ވައްތަރުތަކުގެ ޙަރަކާތްތައް ފެށުމަށް ޕްރޮޕޯޒަލްތައް، ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ލިބެމުންދާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.