ޕޯޓްލޭންޑް : އެމެރިކާ މީހަކު އުމުރުން 99 އަހަރުގައި ޔުނިވަރސިޓީ ޑިގްރީއެއް ޙާސިލްކޮށްފިއެވެ.
އެމެރިކާގެ ކުރީގެ އީސްޓާން އޮރެގޯން ނޯމަލް ސްކޫލްގައި ކިޔަވަމުން ގެންދިޔަ ލިޔު ޕްލަސް ނަމަކަށްކިޔާ މިމީހާ ކިޔެވުން ހުއްޓާލާފައިވަނީ 1932 ގައި އެމެރިކާއަށް ކުރިމަތިވި އިޤްތިސާދީ އެންމެ ބޮޑު ތަދު ކަމަށްވާ ގްރޭޓް ޑިޕްރެޝަންގެ ދުވަސްވަރުގައެވެ.

އެދުވަސްވަރު އޭނާ ކިޔެވުން ހުއްޓާލީ ތަދުމަޑުކަން ބޮޑުވެ އާމްދަނީ ލިބޭނެގޮތެއް ނެތިގެން ޖަންގަލިން ގަސްކެނޑުމާއި ލަކުޑީގެ މަސައްކަތް ކުރުމަށެވެ. އޭގެ 80 އަހަރަށްފަހު ލިޔޮންގެ މައްސަލަ މިހާރުގެ އޮރެގޯން ޔުނިވަރސިޓީ އަށް ހުށަހެޅުމުން އޭނާގެ ފައިލްތައް ބެލުމަށްފަހު އެޔުނިވަރސިޓީން ނިންމީ ޑިގްރީއެއްގެ ފެންވަރުގެ ތަޢްލީމާއި ތަޖްރިބާ ލިޔޮންގެ ކިބާގައި އެބަހުރި ކަމަށާ ޖެނެރަލް ސްޓްޑީޒް ގެ ރޮނގުން ޑިގްރީ އެއް ދިނުމަށް އޭނާ އަހުލުވެރި ކަމުގައެވެ.

ލިޔޮން ކުރިން ކިޔެވި އީސްޓާން އޮރެގޯން ނޯމަލް ސްކޫލް މިހާރުވަނީ އޮރެގޯން ޔުނިވަރސިޓީގެ ނަމަަށް ބަދަލުކޮށްފައެވެ. ލިޔޮންއަށް ޑިގްރީ ގެ ސެޓްފިކެޓް ދިނުމަށް މި ޖޫން މަހުގެ 11 ވަނަ ދުވަހު އެ ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި އެތަށް ސަތޭކަ ބަޔަކު އޭނާއަށް މަރްޙަބާ އާއި ތަހްނިޔާ ކިޔާފައިވެއެވެ.

ސެޓްފިކެޓް ލިބުމަށްފަހު ލިޔޮން ބުނީ ކިޔަވަން ފެށިތާ 88 އަހަރުފަހުންވެސް ޑިގްރީއެއް ޙާސިލް ކުރެވުނު ކަމަށްޓަކައި އުފާކުރާ ކަމަށާ ނަމަވެސް ސެޓްފިކެޓް ބޭނުންކޮށްގެން މަސައްކަތެއް ހޯދުމަށް ރާވާފައިނުވާ ކަމުގައެވެ.
އޭނާ ބުނީ އެދުވަސްވަރު ކަންދިމާވި ގޮތުން ކިޔެވުން ހުއްޓާލަން ޖެހުމުން އެކަމާ ދެރަނުވާ ކަމުގައެވެ. (ރޮއިޓާސް)