06 Dec 2016, 18:13
އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު ގުބާދު އަބޫބަކުރު މަގާމުން ވަކިކުރައްވައިފި އެވެ.
ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި ގުބާދު ހުންނަވަނިކޮށް، އޭނާ މިއަދު މަގާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީއަކުން މިއަދު ވަނީ އަންގާފަ އެވެ.
ގުބާދު "ސަން"އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އޭނާއަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް އެކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑު 11 ދުވަހުގެ ޗުއްޓީއެއް ނިންމާލުމަށްފަހު އިއްޔެ އޮފީހަށް ނުކުތީ. މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އެންގެވީ މިއަދު،" ގުބާދު ވިދާޅުވި އެވެ.
ގުބާދު ވިދާޅުވީ އޭނާ ޗުއްޓީއެއް ނެންގެވީ ޕީއެޗްޑީ ކިޔަވައި ވިދާޅުވަމުން ގެންދަވާތީ، ފަހު މަރުހަލާގެ ކަންތައްތައް ނިންމަވާލެއްވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ޕީއެޗްޑީ ފުރިހަމަ ކުރައްވާފައިވާ ކަމަށާއި ޕީއެޗްޑީ ނެންގެވީ އިސްލާމީ އަގީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ދާއިރާއިން ކަމަށެވެ.
ގުބާދު މަގާމުން ވަކިކުރެއްވީ ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާ ލިޔުއްވުވާފައިވާތީ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރެއްވި އެވެ.