މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މާލޭގައި ހުރި ގުދަންތައް ބަލައި ފާސްކުރަން ފަށައިފި އެވެ.

މިއަދު ފެށި އެ ޕްރޮގްރާމު އެއް މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ ޕްރޮގްރާމުގެ ދަށުން ބަލައި ފާސްކުރާ އިމާރާތްތަކުގައި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި އެތަކެތި ހުރި ހާލަތާ ގުޅޭ މައުލޫމާތު ހޯދުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޕްރޮގްރާމުގެ ދަށުން އިމާރާތް ހަދާފައިވާ ގޮތާއި ގުޅޭ މައުލޫމާތާއި ގުދަނުގައި މުދާ ރައްކާތެރިކޮށްފައިހުރި ގޮތުގެ އިތުރުންް ކަރަންޓު ވަޔަރިން ހުރީ ރައްކާތެރިކޮށްތޯ ބަލައި، އިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވޯކްޝޮޕް ފަދަ ތަންތަނުގައި ވެލްޑިން މަސައްކަތްކުރާނަމަ އެ މަސައްކަތްތައް ކުރަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުގައިތޯ އާއި ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރަންޖެހޭ އާލާތްތައް ބޭނުން ކުރޭތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ގުދަނާއި ވޯކްޝޮޕް ފަދަ ތަންތަނުގެ އިތުރުން ރެސްްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުގެ ބަދިގެ ވެސް ބަލައި ފާސްކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން މިއަދު މާލޭގެ ގުދަންތައް ބަލައި ފާސްކުރަން ފަށާފައިވާ އިރު، އިއްޔެގެ ވަގުތެއްގައި ވަނީ ޗާނދަނީމަގުގައި ހުންނަ ސްކޫޕް ރެސްޓޯރެންޓުގެ ބަދިގޭގައި އަލިފާން ރޯވެ ބަދިގޭގައި ހުރި އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އޭގެ އިތުރުން ނިމި ދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބްރަދާހޫޑް ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގުދަން ވަނީ އެއްކޮށް އަނދަައި ހުލިވެފަ އެވެ.