ވޮޝިންޓަން (ޑިސެމްބަރު 6): އެމެރިކާ އިން ބޭރުގައި ތަކެތި އުފައްދާ އެގައުމުގެ ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސް އިތުރު ކުރާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީއާ އަނެއްކާ ވެސް ހިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ "އަމިއްލަ ގައުމު ދޫކޮށް، (އެމެރިކާގެ) މުވައްޒަފުން ވަކިކޮށް، އެހެން ގައުމެއްގައި އާކާރުހާނާއެއް އެޅުމަށް ފަހު އެމެރިކާއަށް އެތަކެތި ވިއްކަން މަސައްކަތް ކުރާ ފަރާތްތަކުން" ދައްކަން ޖެހޭ ޓެކްސް 35 ޕަސެންޓަށް އިތުރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކެވިން މެކާތީ ވަނީ ގައުމަށް އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް އިތުރު ކުރުމުން ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ވިޔަފާރީގެ ހަނގުރާމަ އެއް ފަށަން. އެފަދަ ހަނގުރާމައަކީ ރަނގަޅު އެއްޗެއް ނޫންކަން ތާރީހުން އެނގިގެންދޭ. އަޅުގަނޑުމެންނަށް އެނގޭ އަލުގަނޑުމެން މުޅި ދުނިޔެއާ އެކު ވިޔަފާރި ކުރަން ޖެހޭކަން،" މެކާތީ ވިދާޅުވި އެވެ.

އަދި ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕަށް ތާއިދު ކުރައްވާކަން އިއުލާން ކުރެއްވި ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކުގެ ތެރޭގައި ހިމެނޭ ސެނެޓަރު އޮރިން ހެޗް ވެސް ވަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

"ގައުމަށް އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް އިތުރު ކުރާ ނަމަ ވަރަށް ސަމާލުވާންޖެހޭނެ. މިއީ 1930ގެ އަހަރުތަކުގައި އެފަދައިން އަމަލު ކުރުމުން ކުރިމަތިވި މައްސަލަތަކާ އަނެއްކާ ވެސް ކުރިމަތިލުން،" ހެޗް ވިދާޅުވި އެވެ.

ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކާ ދެމެދު ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ގިނަ ހިޔާލު ތަފާތުވުންތައް އުފެދިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ވިޔަފާރިއާ ބެހޭ ނިންމުންތަކާ ގުޅިގެންނެވެ.

ރިޕަބްލިކަން ޕާޓީން މީގެ ކުރިން އަބަދު ވެސް ފްރީ ޓްރޭޑަށް ތާއިދު ކޮށްފައިވާ އިރު ގައުމަށް އެތެރެ ކުރާ މުދަލުން ޓެކްސް ނެގުމަށް ތާއިދު ކޮށްފައި ވަނީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީންނެވެ.

ަނަމަވެސް ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވަނީ ގައުމަށް އެތެރެ ކުރާ މުދަލުން ޓެކްސް ނެގުން އިތުރު ކުރުމަށް ތާއިދު ނުކުރި ނަމަވެސް ޓެކްސް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އެއްބަސްވެފަ އެވެ.

"ޓެކްސް ގާނޫނު އިސްލާހު ކުރުމާ ބެހޭ ގޮތުން (ޓްރަމްޕް) ވާހަކަ ދައްކަވަނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް ވިސްނޭ. އެމެރިކާގެ ކުންފުނިތަކާއި، މައި އޮފީސްތަކާއި، ކާރުހާނާތައް ދަނީ ގައުމުން ބޭރަށް ބަދަލުވަމުން،" ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ޕޯލް ރަޔާން ވިދާޅުވި އެވެ.

ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހު 20ގަ އެވެ. (ޓައިމްސް)