06 Dec 2016, 15:07
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާ އަށްކުރި ތަމްރީން ދަތުރުގެ ތެރެއިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗުގައި ލަންކާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް އަތުން ބަލިވެއްޖެ އެވެ.
ލަންކާގައި އިއްޔެ ކުޅުނު އެ މެޗުގައި ރާއްޖެ ނުކުމެފައި ވަނީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބު ސަބަރަގާއާ ދެކޮޅަށެވެ.
އިއްޔެ ކުޅުނު އެ މެޗުގައި ރާއްޖޭގެ މައްޗަށް ސުބަރަގާ ކުރި ހޯދާފައި ވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސުބަގަރާއިން ގެންދިޔައީ 25-15، 25-17 އަދި 25-21 އިންނެވެ.

ލަންކާ އަށްކުރި ތަމްރީން ދަތުރުގެ ތެރެއިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗުގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް
އެ މެޗުގެ އިތުރުން ވެސް ކުރިން ރާއްޖޭގެ ޓީމުން ވަނީ ތަމްރީން ދެ މެޗެއް ކުޅެފައެވެ. އެ ދެ މެޗުގައި ރާއްޖޭގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖޭގެ ޓީމު ވަނީ ބަލިވެފައެވެ. ތަމްރީން ފުރަތަމަ މެޗުގައި ލަންކާ އަތުން 3-1 ސެޓުން ބަލިވި އިރު، ދެވަނަ މެޗުގައި ލަންކާގެ އާމީ ފޯސް އަތުން ވެސް ބަލިވީ 3-1 ސެޓުންނެވެ.
ރާއްޖޭގެ ޓީމު ލަންކާގައި މިދިޔަ މަހުގެ 27 އިން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް ތަމްރީންތައް ކުރިއަށްގެންދާނެ އެވެ. ލަންކާގައި ރާއްޖޭގެ ވޮލީ ޓީމުން ތަމްރީންތައް ކުރިއަށްގެންދަނީ އެ ޓީމުގެ އާ ކޯޗަކަށް ހަމަޖެއްސި ލަންކާ ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު ކުމާރާ ވެންޑަކޫން އެވެ. ތަމްރީން ހަތަރު ވަނަ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ އާރމީ އެއަރ ފޯސް ޓީމާ ދެކޮޅަށެވެ.
ލަންކާއަށް ކުރި ތަމްރީން ދަތުރުގައި ބައިވެރިވަމުންދާ ރާއްޖޭގެ ޓީމުގައި ހިމެނެނީ 15 ކުޅުންތެރިންނާއި، ދެ އެސިސްޓަންޓް ކޯޗާއި، މެނޭޖަރު އަދި ރެފްރީ އުނައިޝް މުހައްމަދެވެ.
އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިޝާން މުހައްމަދު (ބަޓިސް) އާއި، ހުސައިން ވިޝާމް އާއި، އަހްމަދު ފާޒިލް އާއި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، އާދަމް ފައިރޫޒް އާއި، އަހްމަދު އަނިލް ނަސީރު އާއި، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި، މުހައްމަދު އަހުސަން އާއި، އަލީ ޖަވާމް އާއި، މުހައްމަދު ޝާއިން އާއި، ހަސަން ނިލާމް އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އާދަމް ނަސީމް އަދި ލުގުމާން ލަތީފެވެ.
ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އަބްދުﷲ ރަޝީދު ދަތުރުގައި ބައިވެރިވި އިރު، އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި އިބްރާހިމް ޝިހާމާއި ރާއްޖޭގެ ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ ނިޒާރު އިބްރާހިމް ވެސް ދަތުރުގައި ބައިވެރިވި އެވެ.