18 Jun 2011, 09:08
ޓްރިޕޮލީ : ނޭޓޯ އަކީ ބޯދާ އިސްތިޢްމާރީ ޖަމާއަތެއް ކަމަށާ ނޭޓޯއަށް ލީބިޔާގައި ދުވަހަކުވެސް ކާމިޔާބު ނުލިބޭނެ ކަމަށް ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީ ވިދާޅުވެއްޖެވެ.
ލީބިޔާގެ ޓީވީ ން ރޭގެ ވަގުތެއްގައި ދުރަށްފޮނުވި ގައްޒާފީގެ އޯޑިޔޯ ބަޔާނެއްގައި އޭނާ ވިދާޅުވީ ނޭޓޯއިން ލީބިޔާ އާ ދެކޮޅަށް ހަމަލާ ދެމުންގެންދާތާ ތިންމަސްވެފައިވާއިރު އެހަމަލާތައް އެއްވެސް ވަރަކަށް ކާމިޔާބު ވެފައިނުވާ ކަމުގައެވެ.
އަދި ލީބިޔާގެ އެތަށް މިލިޔަން ރައްޔިތުންނެއް ނޭޓޯއާ ދެކޮޅަށް ހަތިޔާރާއެކު ނުކުންނަމުންދާ ކަމަށާ ލީބިޔާ ރައްޔިތުން ލީބިޔާގެ ބިމުގައި ނޭޓޯ ބަލިކުރާނެ ކަމަށް ގައްޒާފީ ވިދާޅުވިއެވެ. ލީބިޔާގެ ޓީވީ ން ދުރަށް ފޮނުވި ގައްޒާފީގެ ބަޔާނުގައި އޭނާ އިތުރަށް ވިދާޅުވީ ލީބިޔާއިން ނޭޓޯގެ އެއްވެސް ޤައުމަކަށް ގޯނާއެއް ކޮށްފައި ނުވާތީ ލީބިޔާއަށް ހަމަލާދީ ތަންތަން ހަލާކު ކުރުމުގެ ޙައްޤެއް ނޭޓޯއަށްވެސް ނޯންނާނެ ކަމުގައެވެ.
ނަމަވެސް ލީބިޔާއަށް އެޓޮމް ބޮމުން ހަމަލާދިނުމަކީވެސް ނޭޓޯއިން ކޮށްފާނެ ކަމެއް ކަމަށާ ނޭޓޯ ނިސްބަތްވަނީ ދުނިޔެދުށް އެންމެ އަނިޔާވެރި ބޯދާ އިސްތިޢްމާރީ ބާރުތަކުގެ މައްޗަށް ކަމަށް ގައްޒާފީ ވިދާޅުވިއެވެ.
ގައްޒާފީގެ ދިގުލީ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށް މަަސައްކަތްކުރާ ލިބިޔާގެ އިދިކޮޅު ފަރާތްތަކަކީ ބޭރުގެ އިސްތިޢްމާރީ ބާރުތަކާ ގުޅިގެން ލީބިޔާގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރާ ޚާއިނުން ތަކެއް ކަމަށްވެސް ގައްޒާފީ ސިފަކުރެއްވިއެވެ.
ގައްޒާފީ މިމޭރުމުން ވާހަކަ ދެއްކެވީ ނޭޓޯގެ ޙަމަލާތަކުގައި އޭނާގެ ރިޔާސީ އެކުވެނި މުޅިން ކަހަލަ ގޮތަކަށް ހަލާކުކޮށްލާފައިވަނިކޮށެވެ. މިހާރު ގައްޒާފީ ދިރިއުޅުއްވަނީ ޓްރިޕޮލީގައި ހުންނަ ސަރުކާރުގެ ޢިމާރާތްތަކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭޓޯގެ ބައެއް ޢަސްކަރީ ތަޖްރިބާކާރުން މިހާރު ވިދާޅުވަމުން ގެންދަވަނީ ހަމައެކަނި ވައިގެ ހަމަލާތަކަކުން ގައްޒާފީގެ ވެރިކަން ނިމުމަކަށް ނުގެނެވޭނެ ކަމަށާ ގައްޒާފީގެ ވެރިކަން ރޫޅިގެންދާ މިންވަރަށް އޭނާގެ ބާރުތައް އަދިވެސް ބަލިނުކުރެވޭ ކަމުގައެވެ. (ރޮއިޓާސް+އަލްޖަޒީރާ)