ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހަޅުއްވައި ފާސްކުރި އެ އިސްލާހު ތަސްދީގު ކުރައްވައި ގެޒެޓުކޮށްފައިވަނީ މިއަދު އެވެ. މަޖިލީހުގައި އެ އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ 41 މެމްބަރުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 29 މެމްބަރުންނެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު އިސްލާހު ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ފަހަތަށް 10 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ. އެގޮތުން އެ ގާނޫނަށް އިތުރުކުރި މާއްދާގެ (ހ)ގައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު، ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ.

އެ އިސްލާހުގެ (ށ)ގައި ވަނީ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން، ޕްރައިމަރީން ބަލިވެފައިވާ ބޭފުޅަކު އިންތިޚާބެއްގައި ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެ ބޭފުޅެއްގެ ކެންޑިޑެސީ ބާތިލް ކުރަންޖެހޭނެ ކަމަށެވެ.

މި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅަމުން މެމްބަރު ސައުދު ވިދާޅުވީ ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ނަމުގައި އިންތިޚާބުގައި ވާދަކުރުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ފިތުނަ ފަސާދަ އުފެދޭ ކަމަށާއި އެ ބިލް ހުށަހެޅި އެފަދަ ކަންކަން ހައްލު ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު މި އިސްލާހު ޝާއިއުކޮށްފައިވާއިރު، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފަށާނެ އެވެ.