ރިއޯޑި ޖެނީރިއޯ (ޑިސެމްބަރު 6): ބްރެޒިލްގެ ސެނެޓުގެ ރައީސް ރެނާން ކެލްހައިރޯސް މަގާމުން އިސްތިއުފާ ދެއްވުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.

ކެލްހައިރޯސް މަގާމުން ވަކިކޮށްފައި ވަނީ ހިޔާނާތުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ޝަރީއަތް ކުރަން މިދިޔަ ހަފްތާތެރޭގައި ކޯޓުން ނިންމުމާ ގުޅިގެން، ޖިނާއި ދައުވާއެއް ލިބިފައިވާ ފަރާތަކަށް ގައުމުގެ އެހާ މަތީ މަގާމެއްގައި ނުހުރެވޭނެ ކަމަށް ބުނެ އިދިކޮޅު ޕާޓީއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެޕާޓީން ކޯޓަށް ހުށަހެޅި މައްސަލާގައި ކެލްހައިރޯސްއަކީ އެގައުމުގެ ރައީސަށް ވެރިކަން ނުކުރެވިއްޖެ ހާލަތެއްގައި ރައީސްކަމަށް ވަޑައިގެންނެވުން ގާތް ފަރާތެއްކަން ފާހަގަ ކޮށްފައިވެ އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި ބްރެޒިލްގެ ރައީސާ ޑިލްމާ ރޫސެމް މަގާމުން ދުރުކޮށް، މިޝޭލް ޓެމާ ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދި ނައިބު ރައީސަކު އައްޔަންކޮށްފައެއް ނުވެ އެވެ. އެހެންކަމުން ރައީސަށް ވެރިކަން ނުކުރެވޭ ހާލަތެއްގައި ގައުމުގެ ކަންތައްތައް ހިންގާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ރޮޑްރީގާ މައިއާ އެވެ. އަދި އޭނާއަށް އެމަގާމަށް ވަޑައިގެންނެވެން ނެތް ނަމަށް ވެރިކަން ކުރައްވާނީ ސެނެޓުގެ ރައީސެވެ.

ކެލްހައިރޯސްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކައިވެނިން ބޭރުން ހޯދާފައިވާ އަންހެން ދަރިފުޅުގެ ކަންތައްތައް ބެލެހެއްޓުމަށް ދައުލަތުގެ ފައިސާ ހަރަދު ކުރުމުގެ ތުހުމަތުގަ އެވެ.

ދެހާސް ހަތް ވަނަ އަހަރު ފެންމަތިވި އެމައްސަލައިގެ ސަބަބުން ކެލްހައިރޯސްއަށް ސެނެޓުގެ ލީޑަރު ކަމުން އޭރު ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ. ނަމަވެސް އޭގެ ހަ އަހަރު ފަހުން އޭނާ ވަނީ އަނެއްކާ ވެސް އެމަގާމަށް އިންތިހާބުވެފަ އެވެ.

މީގެ އިތުރުން ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ވެސް ފުލުހުން ދަނީ ކެލްހައިރޯސް ތަހުގީގު ކުރަމުންނެވެ. (ބީބީސީ)