ވިލިމާލޭގެ ބޯޅަދަނޑުގެ ލައިޓުތައް ހަލާކުވެ، ނުދިއްލި ހުންނަތާ އަހަރެއްހާ ދުވަސް ވެގެންދިޔައިރުވެސް އެ ލައިޓްތައް ރަނގަޅުކޮށްދީފައިނުވާ ކަމަށް ބުނެ އެ އަވަށު ޒުވާނުންތަކެއް ނުކުމެ، މިރޭ މަގުމަތީގައި ބޯޅަ ކުޅެން ފަށައިފި އެވެ.

ވިލިނގިލީ ޝެއިހް އަބްދުއް ރަހްމާން މަގުގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މިރޭ ބުނީ، ދަނޑުތައް ހަލާކުވެފައި ހުންނަތަ އެއް އަހަރުވެފައިވާ ކަމަށާއި ލައިޓުތައް ނުދިއްލޭތީ ވަރަށް އުނދަގޫވާ ކަމަށެވެ. އަދި އެކަން ހައްލު ކޮށްދިނުމަށް އެކި ފަރާތްތަކުގައި އެދޭތާ މިހާރު އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެހެންނަމަވެސް، އަދިވެސް އެކަން ހައްލުކޮށްދީފައި ނުވާ ކަމަށެވެ.

"އެކި ގޮތްގޮތަށް އަންގައިގެންވެސް ރަނގަޅެއް ނުވި. ލައިޓްތަކުގެ ކަންތައް ރަނގަޅު ނުވެފައި އަދިވެސް ހުރީ،" އެ ޒުވާނާ ބުންޏެވެ.

އެހެންކަމުން، ފުޓުބޯޅަ ކުޅެން ޝައުގުވެރިވާ ހުރިހާ ކުދިން މިރޭ ބައްދަލުކޮށް އެއްބަސްވީ ބޯޅަދަނޑުގެ ލައިތުތައް ރަނގަޅުކުރަންދެން މަގަށް ނުކުމެ ބޯޅަ ކުޅެން ކަމަށް ވެސް އޭނާ ބުންޏެވެ.

ވިލިމާލޭގައި ރަޖިސްޓްރީކޮށްފައިވާ ހަތަރު ފުޓުބޯޅަ ކްލަބް އޮވެ އެވެ. އަދި ބޯޅަދަނޑުގައި ޕްރެކްޓިސްކުރާ އެހެން ކުޅިވަރު ކުޅޭ ޓީމުތައްވެސް އުޅެ އެވެ.

އެހެންނަމަވެސް ދަނޑުގެ ލައިޓުތައް ހަލާކުވެފައި ހުރުމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަނީ އުނދަގޫވެފައި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.