ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވިސާ ހަދާ އިރު ހަދާ މެޑިކަލް ރިޕޯޓް އޭޑީކޭ ހޮސްޕިޓަލުންނާއި އޭއެމްޑީސީ އިން ހަދައިފި ނަމަ ބަލައި ނުގަންނަން އިމިގްރޭޝަނުން ނިންމިކަން ސަން އަށް އެނގިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ތަނުން ހައްދާ މެޑިކަލް ރިޕޯޓް އިމިގްރޭޝަނަށް ބަލައިނުގަންނަން ނިންމާފައި ވަނީ އެ އިދާރާ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ ގޮތަށް ނިންމީ މިއަދުން ފެށިގެންނެވެ.

ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު މިރޭ 'ސަން' އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ ތަނެއްގެ މެޑިކަލް ރިޕޯޓް ބަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންދެތަނެއް ކަމެއް އަންވަރު ވިދާޅެއް ނުވެ އެވެ. އަންވަރު ވިދާޅުވީ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ 'ސަން' އަށް ވިދާޅުވީ އިމިގްރޭޝަނަށް ބިދޭސީން ވިސާ އަށް ހުށަހަޅާ މެޑިކަލް ރިޕޯޓު އޭޑީކޭ އިން ހެދުމުން ބަލައި ނުގަންނަން ނިންމިކަން އެ ހޮސްޕިޓަކަށް ނޭނގޭ ކަމަށެވެ. އެކަހަލަ އެއްވެސް މައްސަލައެއް ވެސް އޭޑީކޭ އަށް ހުށަހަޅާފައި ނުވާ ކަމަށް އައްފާލް ވިދާޅުވި އެވެ.

އޭއެމްޑީސީގެ އޮޕަރޭޝަން މެނޭޖަރު ސޮއީފާ އަހުމަދު މިރޭ 'ސަން' އަށް ވިދާޅުވީ އިމިގްރޭޝަނުން އެތަނުގެ މެޑިކަލް ރިޕޯޓުތައް ބަލައި ނުގަންނާނެ ކަން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން މެޑިކަލް ރިޕޯޓު ހަދައިގެން ދިޔުމުން އިމިގްރޭޝަނުން ބަލައި ނުގަތްކަން އެނގިފައިވާ ކަމަށް ސޮއީފާ ވިދާޅުވި އެވެ.

މެޑިކަލް ރިޕޯޓުތަކުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އިމިގްރޭޝަނުން ރަސްމީކޮށް އެއްވެސް މައްސަލައެއް އޭމްޑީސީއަށް ހުށަހަޅާފައި ނުވާ ކަމަށް ސޮއީފާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ރިޕޯޓް އަހަރަކު އެއްފަހަރު އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެ އެވެ. އަދި ރާއްޖެ އަށް ވަޒީފާ އަށް އަންނަ ބިދޭސީން ވެސް މެޑިކަލް ރިޕޯޓު ހަދަން ޖެހެ އެވެ.