05 Dec 2016, 17:42
މުމްބާއީ (ޑިސެމްބަރު 5): ހަތަރު މީހުން ހިމެނޭ އިންޑިއާގެ އާއިލާއަކަށް ލިބުނު 29 ބިލިއަން ޑޮލަރުގެ އާމްދަނީން ޓެކްސް ނުދައްކާ ކަމަށް އެއާއިލާއިން ސަރުކާރަށް އަންގައިފި އެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ އާއިލާއިން ޓެކްސް ނުދައްކާ ކަމަށް ބުނެފައި ވަނީ ޓެކްސް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފައިސާގެ އަދަދު ހާމަ ކުރުމުން ކޮންމެވެސް ވަރަކަށް ޓެކްސް މާފު ކުރާ ޕްރޮގްރާމެއްގެ ދަށުންނެވެ.
އެއާއިލާގެ އާމްދަނީއަކީ އެ މީީހުން ބުނާ ވަރުގެ އަދަދެއް ނަމަ އެއީ އިންޑިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ އާމްދަނީ އަށް ވުރެ ބޮޑު އަދަދެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އަމްބާނީގެ އާމްދަނީ އަކީ 21 ބިލިއަން ޑޮލަރު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެއާއިލާއަކީ އެހާވަރު ބޮޑު އާމްދަނީއެއް ލިބޭ އާއިލާއެއް ކަމަށް ލަފާ ނުކުރެވޭތީ އެމިނިސްޓްރީން ވަނީ އާއިލާގެ ޓެކްސް ޑިކްލަރޭޝަން ގަބޫލު ނުކޮށްފަ އެވެ. އަދި އެމީހުންގެ އާމްދަނީއާ ބެހޭ ގޮތުން އޮޅުވާލި ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފަ އެވެ.
އިންޑިއާގައި އިންކަމް ޓެކްސް ދައްކަނީ އެގައުމުގެ އާބާދީގެ ދެ ޕަސެންޓަށް ވުރެ މަދު ބަޔެކެވެ. އޭގެ ސަބަބުން ސަރުކާރަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބެ އެވެ. (ސީއެންއެން)