17 Jun 2011, 22:30
ފިލްމީ ފަންނާނުންނަށް ހާއްސަކޮށްގެން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުގެ "އެންސޯންޓާ ފިލްމް ފެއާ އެވޯޑް" އިސްތިހާރުކުރުމަށް މާފަންނު ގަޑިބުރުގައި ބެހެއްޓި ރަމްޒީ އެވޯޑް ރޭ ވަގަށް ނަގައިފި އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އެ އެވޯޑް ނައިޓް އިންތިޒާމްކުރާ ހައި ރައިސްގެ ކްރިއޭޓިވް ޑައިރެކްޓާ ހުސެއިން ޝިހާމް ވިދާޅުވީ، އެ ރަމްޒީ އެވޯޑް ގަޑިބުރުގައި ބެހެއްޓީ ރޭ މެންދަމު 12:00 ޖަހާއެހާކަންހާއިރު ކަމަށެވެ. އަދި އެ އެވޯޑް ބެހެއްޓުމަށް ފަހު އެންމެން ސައިބޮއެގެން އެނބުރި ގަޑިބުރު ކައިރިއަށް ދިޔައިރު އެ އެވޯޑް އެތަނުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރު އެވޯޑް ބެހެއްޓިތާ ވާނީ ދޮޅުގަޑިއިރެއްހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑިސްޕްލޭ ކުރީ ރޭގައި. އޭތި ބަހައްޓައިފަ ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރު ތެރޭ ވަގަށް ގެންދިޔަ ކަމަށް ބެލެވެނީ. ގެއްލުނީމަ ވަގަށް ގެންދިޔަ ކަމަށްތާ ބެލެވޭނީ،" ހުސެއިން ވިދާޅުވި އެވެ.
ދިގުމިނުގައި ހަ ފޫޓް ހުރި އެ އެވޯޑް ވަގަށް ގެންދިޔަ ނަމަވެސް، އެ ބަހައްޓައިފަ ހުރި ބޭސް އެތަނުގައި އަދިވެސް އެބަހުއްޓެވެ.
ހުސެއިން ވިދާޅުވީ، އެ އެވޯޑް ލަންކާއިން ހަދައިގެން ގެނެސް، އެތަނުގައި ބަހައްޓަން 2000 ޑޮލަރަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މި މައްސަލަ ހައިރައިސް އިން ފުލުހުންނަކަށް ރިޕޯޓެއް ނުކުރެ އެވެ. އެޓީމުން ބުނި ގޮތުގައި، އެވޯޑް ހޯދުމަށްވުރެ ބޮޑަށް ސަމާލުކަން ދެނީ އެވޯޑް ވީހާވެސް ފުރިހަމަކޮށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ގަޑިބުރުގައި ދެދުވަހެއްތެރޭ އެހެން ރަމްޒީ އެވޯޑެއް ޑިސްޕްލޭ ކުރާނެ ކަމަށް ހައިރައިސްގެ ކްރިއޭޓިވް ޑައިރެކްޓާ ވިދާޅުވި އެވެ.