05 Dec 2016, 17:50
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރުމުގެ ހިދުމަތް އުރީދޫއިން ފޯރުކޮށްދޭން ފަށައިފި އެވެ.
އުރީދޫ ވޯކް ގްރޫޕްގެ ހިދުމަތް ދިނުމަށް އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ ކުންފުނީގެ ދެމެދުގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތެވެ. އަދި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ މުވައްޒަފުންގެ ތެރޭގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ މަގުބޫލު ހިދުމަތެއް ކަމަށާއި، ވޯކްގްރޫޕް ހިދުމަތުގެ ސަބަބުން މުވައްޒަފުންގެ ތެރޭގައި މުއާމަލާތު ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އެމްޓީސީސީއަކީ މުޅި ރާއްޖޭގެ އެކި ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭ ތަނަކަށް ވާތީ އެފަދަ ހިދުމަތަކީ މުހިއްމު ހިދުމަތެއް ކަމަށެވެ.
އެމްޓީސީސީއަށް އުރީދޫ ވޯކް ގްރޫޕްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
"މިހިދުމަތާ އެކީގައި އެމްޓީސީސީގެ މުވައްޒަފުންނަށް ވަރަށް ރަނގަޅު ކޮމިއުނިކޭޝަން ނިޒާމެއް ގާއިމް ކުރެވ،ި އެބޭފުޅުންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގަ އޮޕަރޭޝަނަލް އެކްޓިވިޓީސް ތެރޭގަ ވަރަށް ބޮޑަށް ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރަނީ،" ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ ވޯކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްްއެސް ހިލޭ ކުރެވޭނެ އެވެ. ވޯކްގްރޫޕްގައި ހިމެނޭ ނަމްބަރުތަކަށް ގުޅުމަށް ބޭނުން ކުރާނީ ހަތަރު އަދަދުގެ ކުރު ނަމްބަރު ތަކެކެވެ.
އުރީދޫން ބުނީ ކުންފުނީގެ ވޯކްގްރޫޕްގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށްވެސް އާއިލާގެ މެމްބަރުންގެ ތެރެއިން ބޭނުންވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އުރީދޫ ވޯކްގްރޫޕްގެ ހިދުމަތް ބޭނުންކުރާ ކުންފުނިތަކަށް ދީފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކޮށް، އާ ކަނެކްޝަންތަކަށް އެދުމުގެ އިތުރުން ވޯކްގްރޫޕްގައި ހިމެނޭ ފަރާތްތައް ބަލައި، އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދު ކުރެވޭނެ އެވެ.
އުރީދޫގެ ވޯކް ގްރޫޕްގެ ހިދުމަތް ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ރިސޯޓުތަކުގައިވެސް ބޭނުން ކުރަމުންދެ އެވެ.