05 Dec 2016, 16:02
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މޮނިޓަރކުރުމަށް ޝައުގުވެރިވާ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކާއި ނޫސް މަޖައްލާތަކަށް އެކަމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ އެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މުއްދަތު އިތުރު ކުރީ ސިޔާސީ ޕާޓީތަކާއި ގިނަ މީޑީއާތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެ ކޮމިޝަންގައި އެދެމުންދާތީ އިންތިޚާބުތަކާ ބެހޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާއާ އެކު ކަމަށެވެ.
އޭނާ ވިދާޅުވީ މޮނިޓަރު ކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެމަތިން އެޕްލިކޭޝަން ފޯމްތައް ފޮނުވުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އަކުރަމް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް ޕީޕީއެމް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ ދެ މަސް ދުވަހަށް އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ހުކުމް ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފަ އެވެ.