ހޯމް މިނިސްޓްރީ އިން މިދިޔަ ހުކުރު ދުވަހު ހަވީރު ބާއްވަން މަސައްކަތް ކުރި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، ކުރިން ވޯޓުލާން ހަމަޖައްސާފައިވާ މަންދޫބުން ބަދަލުކުރާން ބޭނުންވާ ނަމަ އެކަމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، އެމްއެމްސީ އިންތިޚާބުގައި ވޯޓުލުމަށް ކުރިން ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުން، އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި އެފަރާތްތަކުން ވޯޓުލުމަށް ކަނޑައަޅާފައިވާ މަންދޫބުން ބަދަލުކުރާން ބޭނުންވާ ނަމަ، މާދަމައާއި އޭގެ އަނެއް ދުވަހުގެ (އަންގާރަ، ބުދަ) ހެނދުނު 9:00 އިން 12:00އަށް އެ މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

"ރަޖިސްޓްރީ ބަދަލުކުރާން ވަޑައިގަންނަވާއިރު ބަދަލުކުރައްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީއާއި އެ އިދާރާއެއްގެ ތައްގަނޑު ޖެހި ލިޔުމެއް ގެންނަންވާނެ،" ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.

ޑިސެމްބަރު ދެ ވަނަ ދުވަހުގެ ހަވީރު ބާޢްވަން އޮތް އެމްއެމްސީގެ އިންތިހާބު ފަސް ކުރީ، އިންތިޚާބު ބޭއްވުމަށް 24 ގަޑިއިރަށް ވުރެ ވެސް ގާތްވެފައި ވަނިކޮށް، އިންތިޚާބާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން ދާތީ އާއި، މި އިންތިޚާބާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައި ވާތީ ކަމަށް ބުނެ އެވެ.

ހޯމް މިނިސްޓްރީން މީޑިއާ ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު އަލުން ހަމަޖައްސާފައިވާ އިރު، މީޑިއާ ކައުންސިލްގައި ތިބޭ 15 މެމްބަރެއްގެ ތެރެއިން 13 މެމްބަރެއްގެ ދައުރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަމަވެފަ އެވެ.

ދައުރުގެ މުއްދަތު ހަމަވި މެމްބަރުންގެ ތެރޭގައި އެމްއެމްސީގެ ރައީސް މުހައްމަދު އާސިފާއި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ނަފީސް ވެސް ހިމެނެ އެވެ.

އެމްއެމްސީގެ މެމްބަރު ކަމުގައި މިހާރު ތިއްބެވި ދެ މެމްބަރުންނަކީ "އަވަސް" އޮންލައިންގެ ފަރާތުން އިންތިހާބުވި މުހައްމަދު އަފްޒަލް އާމިރާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުވި މުހައްމަދު ހައްސާނެވެ. އެ ދެ މެމްބަރުންނަކީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރުގެ މެދުތެރެ އިން އިންތިހާބު ކުރި ދެ މެމްބަރުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން 86 މީޑިއާއަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ. ރަޖިސްޓްރީ ކުރި މީޑިއާތަކުގެ ތެރޭގައި ނުހިންގާ މީޑީއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ރަޖިސްޓްރީ ކުރިތާ ތިން މަސް ހަމަނުވާ މީޑިއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި މީޑިއާތަކަށް ދީފައިވާ ހަތް ޖާގައަށް 17 ފަރާތަކުން ވާދަކުރާއިރު، އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަ ފަރާތެއް އިންތިޚާބު ކުރެވޭނެ އެވެ.