17 Jun 2011, 19:48
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކުރަމުންގެންދާ ބިދޭސީންގެ ޑިޕޮސިޓް ފައިސާއާއި ވޯކް ވިސާ ބަލައިގަތުމާއި، އެ ވިސާ ދޫކުރުމުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހިއުމަން ރިސޯސް މިނިސްޓްރީން ކުރަން ފަށާ ގޮތަށް ހަމަޖެއްސުމުން، އެ ދެއިދާރާގެ މެދުގައި އަނެއްކާވެސް ދެބަސްވުން އުފެދިއްޖެ އެވެ.
ހިއުމަން ރިސޯސް އިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުގައި، ބިދޭސީންގެ ވޯކް ވިސާ ފީ ބަލައިގަތުމާއި ވިސާ ދޫކުރުމުގެ ހުރިހާ ކަމެއްގެ އިތުރުން ބިދޭސީންނަށް އަލަށް ކޯޓާ ހޯދުމާއި ކޯޓާގެ މުއްދަތު އިތުރުކުރުމާއި އަލަށް ޑިޕޮސިޓް ފައިސާ ދެއްކުމާއި ޑިޕޮސިޓް ބޭންޑް ބަދަލުކުރުމާއި ވާކްޕާމިޓް ބަދަލުކުރުން ފަދަ 16 ކަމެއް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީން ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ބަދަލު ގެންނަނީ ހިއުމަން ރިސޯސް އިން އެކުލަވާލައި، މިމަހުގެ 15 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ގަވާއިދު"ގެ ދަށުންނެވެ.
ނަމަވެސް، މި ބަދަލާ ގުޅޭ ގޮތުން އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވީ، އިމިގްރޭޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިޕޮސިޓްފީ އާއި ވިސާފީ ބަލައިގުތުމާއި ވިސާ ދޫކުރުމުގެ ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ އެ ޑިޕާޓްމަންޓް އިން ކަމަށާއި އެ މަސައްކަތްތައް އެހެން މިނިސްޓްރީތަކަށް ބަދަލުކުރެވޭނެ ކަމަށް ބުއްދި އަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އިމިގްރޭޝަން ގާނޫނުގައި އޮތީ އެކަންތައްތައް އިމިގްރޭޝަން ކުރަން ކަމަށް އަޅުގަނޑަށް ވިސްނެނީ. ދެން އިމިގްރޭޝަން ގާނުނުގައި ހުރި މާއްދާތައް ވަކިވަކިކޮށްފައި އެކި މިނިސްޓްރީތަކަށް އެކަން ދާނެ ކަމަށް އަޅުގަނޑުމެންގެ ބުއްދިއަކަށް ގަބޫލެއް ނުކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިއުމަން ރިސޯސް އިން ނެރުނު ގަވައިދާ އިމިގްރޭޝަން ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން އެކަންކަން ހައްލުކުރުމަށް މަޝްވަރާކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދީފައިވާ ކަމަށާއި އެހެންނަމަވެސް، އަދި މިހާތަނަށް "އެކަން އޮތީ ނުކުރެވިފައި" ކަމަށެވެ. އަދި އެ ފުށުއެރުންތައް ހައްލު ކުރެވެންދެން އެއްވެސް މަސައްކަތެއް ހިއުމަން ރިސޯސް މިނިސްޓްރީއަށް ބަދަލުނުކުރާނެ ކަމަށް ވެސް ކޮންޓްރޯލާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން މިހެން ބުނެފައިވާއިރު ހިއުމަން ރިސޯސް އިން ބުނަނީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން ބިދޭސީންގެ ވަޒީފާއާ ގުޅޭ ހުރިހާ ކަމެއް އެ މިނިސްޓްރީން ބަލަހައްޓަން ފަށާނެ ކަމަށެވެ.
ހިއުމަން ރިސޯސް މިނިސްޓްރީން ކުރަމުންދިޔަ ބިދޭސީންގެ ޑިޕޮސިޓްފީ އާއި ވިސާފީ ބަލައިގަތުމާއި ވިސާ ދޫކުރުމުގެ މަސައްކަތްތއް 2009 ވަނަ އަހަރުގެ ޖުލައި މަހު އިމިގްރޭޝަނަށް ބަދަލުކުރުމުން، އޭރުވެސް އެދެ އިދާރާ މެދުގައި ހިޔާލުތަފާތުވުން އުފެދި، ހިދުމަތް ހޯދާ އޭޖެންސީތަކަށާއި އާއްމުންނަށް ވަރަށް ބޮޑަށް އުނދަގޫވ އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޕޮސިޓާއި ވޯކް ވިސާ ފީ ދައްކަން ޖެހޭ އިދާރާ މިހާރު ވަނީ "އޮޅިފައި" ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.