05 Dec 2016, 11:55
ރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް ފަނޑިޔާރުންގެ ބެންޗަކީ ގާނޫނީ އަދި ޝަރުއީ ދާއިރާ އިން އެންމެ ފުންނާބު އުސް ފަނޑިޔާރުން ތިއްބެވި ބެންޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވީ ދިވެހި ރާއްޖެ އަށް ލިބެން އޮތް ގާނޫނީ އަދި ޝަރުއީ ދާއިރާ އިން އެންމެ ފުންނާބު އުސް އެންމެ ހައިބަތު ހެޔޮ ފަނޑިޔާރުން ކަމަށެވެ.
ރައީސް ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް ބޭރުގެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަމުން ދާ ކަމަށެވެ.
"އެއްގޮތަކަށް ވެސް އެބޭފުޅުން މަސައްކަތް ކުރައްވާ ގޮތާމެދު ސުވާލު އުފެއްދޭޭނެ ކަން ކަމެއް ނޫން. އެކަމަކު ބޭރުން މި ކުރެވޭ މުއާމަލާތްތަކުގައި ލިޔެވޭ ރިޕޯޓުގައި މިއަށް ސުވާލު އުފައްދާފައި މިއީ ޝަރުތެއް ކަމަށް މިހަދަނީ މިސާލަކަށް ދިވެހި ރާއްޖޭގެ ފަނޑިޔާރުން ނޫނިއްޔާ ދިވެހި ރާއްޖޭގެ އަދުލުގެ ނިޒާމު އޮތީ ތިމަންނަމެން ހިތްހަމަ ޖެހޭ ގޮތަކަށް ނޫނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެފަދަ ފަރާތްތަކުން ރާއްޖެ އިން ބައިވެރިވާ އެކިއެކި ޖަމާއަތްތައް މެދުވެރިކޮށް ފިއްތުންތައް މެދުވެރި ކުރަމުން ގެންދާ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެ އަކީ ކުޑަ ގައުމަކަށް ވާތީ ހުރި ގޮންޖެހުންތައް ގިނަ ކަމަށާއި އެހެން ކަމުން ރައްކާތެރިވާން ޖެހޭ ކަންތައް ތައް ގިނަ ކަމަށް ވިދާޅުވި އެވެ.