ވޮޝިންގޓަން : ޖިންސީ ފަޟީޙަތެއް ކުރިމަތިވި އެމެރިކާގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ އެންޓަނީ ވިންޒް މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.

އެންޓަނީ ވިންޒްގެ ޖިންސީ ފަޟީޙަތުގެ މައްސަލަ ފެންމަތިވީ އޭނާ ބަދުއަޚްލާޤީ ޢަމަލުތަކެއް ހިންގަވާފައިވާ މަންޒަރު ތަކެއް ދައްކައިދޭ ފޮޓޯތަކެއްް އިންޓަރނެޓުން ފެނުމާ ގުޅިގެންނެވެ. މިފޮޓޯތައް ލީކުވެ އިންޓަރނެޓްގައި ޝާއިޢު ކުރުމާގުޅިގެން ފުރަތަމަ އޭނާ ވަނީ ދޮގުހައްދަވާފައެވެ. އިންޓަރނެޓް މެދުވެރިކޮށް ވިންޒަށް ބަރަހަނާ ފޮޓޯތަކެއް ފޮނުވި އަންހެން ގުރޫޕަކާއެކު ޖިންސީ ހަޑިމުޑުދާރު ޢަމަލުތަކެއް އޮންލައިންކޮށް އޭނާ ހިންގަވާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ވިންޒްގެ ދޮގުތައް ބޭޒާރުވުމާއެކު އޭނާއަށް ކުރިމަތިވި ފަޟީޙަތުގެ މައްސަލަ ކުރިމަތި ވެއްޖެނަމަ އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެ ބަޔާނެއް ދެއްވުމުން ޖިންސީ ފަޟީޙަތުގެ މައްސަލާގައި އެމެރިކާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެން ވިންޒް އިސްތިއުފާ ދެއްވީއެވެ.
އިސްތިއުފާދެއްވުމުގެ ޤަރާރުގައި ވިންޒް ވިދާޅުވެފައިވަނީ އޭނާއަށް ވަރަށް ބޮޑުކުށެއް ކުރެވިއްޖެ ކަމަށާ އެކުށުގެސަބަބުން އެމެރިކާގެ ރައްޔިތުން ލަދުވެތިވާންޖެހި އޭނާގެ އަމިއްލަ ޝަޚްސިއްޔަތަށާއި ސިޔާސީ ޙަޔާތަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފިކަމުގައެވެ.

އެންޓަނީ ވިންޒަކީ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ނިސްބަތްވާ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ވަރަށް އުންމީދީ ސިޔާސީ ޝަޚްސިއްޔަތެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ވިންޒް ސިފަކުރެވެނީ އެޕާޓީގައި އަރަމުންދާ ތަރިއެއްގެ ގޮތުގައެވެ.

ވިންޒްގެ އަނބިކަނބަލުންނަކީ އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންގެ ނައިބެއްގެ މަޤާމުގައި ހުންނެވި އުމާ ޢާބިދީން އެވެ. ވިންޒް މަޤާމުން އިސްތިއުފާ ދެއްވީ އޭނާގެ އަނބިކަނަބަލުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ޚަބަރުތައް ބުނެއެވެ. (ބީ.ބީ.ސީ)