05 Dec 2016, 08:58
ބޮލީވުޑްގެ ބަތަލު ސަލްމާން ޚާން އަދި ރޫމޭނިއާގެ ޓީވީ ތަރި ލޫލިއާ ވަންތޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، ދެމީހުން ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ދެމީހުން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ މީޑިއާއިން ޚަބަރު ފަތުރާ އިރު، ދެމީހުން އެކުގައި ވަރަށް ގިނައިން ފެނެ އެވެ. ބޮޑެތި ޕާޓީތަކަށް ސަލްމާން ދަނީ ލޫލިއާ ގޮވައިގެންނެވެ. އަދި އޭނާގެ އާއިލާ އާއެކު އޮންނަ ހަފްލާތަކުގައި ވެސް ލޫލިއާ ބައިވެރި ކުރެ އެވެ. ދެމީހުންގެ ކައިވެނީގެ ވާހަކަތައް ފެންމަތިވީ ވެސް އެފަދަ ސަބަބުތަކަކާ ހުރެ އެވެ.
އެ ވާހަކަތަކާ ގުޅިގެން މީގެ ކުރިން ސަލްމާން އަދި ލޫލިއާ ވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. ވާހަކަތައް ތެދު ނުކުރާ އިރު ދޮގުކޮށްފައެއް ވެސް ނުވެ އެވެ.
ސަލްމާން އަދި ވެސް އެވާހަކަތަކަށް ޖަވާބުދޭން ބޭނުން ނުވި ނަމަވެސް، ލޫލިއާ މިވަނީ ނޫސްވެރިންނާ ކުރިމަތިލައި ސުވާލުތަކަށް ޖަވާބު ދީފައެވެ.
ލޫލިއާގެ ލަވަ ‘އެވްރީ ނައިޓް އެންޑް ޑޭ’ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިން ވަނީ އޭނާއަށް ތަފާތު ސުވާލުތައް ކުރިމަތިކުރުވައިފައެވެ. އެގޮތުން އެންމެ ގިނައިން ސުވާލު އަމާޒުވީ އޭނާ އާއި ސަލްމާނުގެ ގުޅުމާ ބެހޭގޮތުންނެވެ.
ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެމުން ލޫލިއާ ބުނީ ސަލްމާން އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، ސަލްމާނަށް ވަރަށް އިހުތިރާމް ކުރާ ކަމަށެވެ.
އަދި އޭނާ އިންޑިއާއަށް ގެނެސްދިނީ ވެސް ސަލްމާން ކަމަށާއި، މިހާރު އިންޑިއާގެ ސަގާފަތާއި އިންޑިއާ ރައްޔިތުން ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ލޫލިއާ ވަނީ ބުނެފައެވެ.
ކައިވެންޏާ ގުޅޭ ގޮތުން ކުރިމަތިކުރުވި ސުވާލުތަކަށް މިއަދާ ހަމައަށް ވެސް ސަލްމާން ބުނެފައި ވަނީ އޭނާ ކައިވެނިކުރާނީ ނޮވެމްބަރު މަހެއްގެ 18 ވަނަ ދުވަހު ކަމަށެވެ.
ނޭނގޭ އެއްޗަކީ އެއީ ކޮން އަހަރެއް ކަމެވެ. އެ އަހަރެއް ސަލްމާން އަކަށް ވެސް ނޭނގެ އެވެ.
ނޮވެމްބަރު 18 އަކީ ސަލްމާން އަށް ވަރަށް ވެސް ހާއްސަ ދުވަހަކެވެ. އެ ދުވަހަކީ ސަލްމާންގެ ބައްޕަ ސާލިމް ޚާން އޭނާގެ މަންމަ ސަލްމާއާ ކައިވެނި ކުރި ތާރީހެވެ. އަދި ސަލްމާންގެ ކޮއްކޮ އަރުޕިތާ ޚާން ވެސް މީގެ ދެ އަހަރު ކުރިން، އާޔޫޝް ޝަރުމާއާ ކައިވެނި ކޮށްފައި ވަނީ ވެސް ނޮވެމްބަރު 18 ވަނަ ދުވަހު އެވެ.