17 Jun 2011, 12:57
އދ. މަޖިލިސް: އދ. ގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ފަސް އަހަރުގެ އިތުރު ދައުރަކަށް ބާންކީ މޫން ދެމިހުންނެވުމާބެހޭ ގޮތުން ވޯޓަށް އެހުން އދ. ގެ ސަލާމަތީ މަޖިލީހުން ފަސްކޮށްފި އެވެ.
ނަންހާމަކުރަން ނޭދޭ ހުޅަނގުގެ އިސް ޑިޕްލޮމޭޓަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ބާންކީ މޫން އިތުރު ދައުރަކަށް މަގާމުގައި ދެމިހުންނެވުމާބެހޭ ގޮތުން ވޯޓަށް އެހުން އދ. ގެ ސަލާމަތީ މަޖިލީހުން ފަސްކުރީ ކިއުބާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތައް އޭނާ އިތުރު ދައުރަކަށް އިންތިހާބުކުރުމަށް ދެކޮޅުހަދާތީ އެމައްސަލަ ހައްލު ކުރުމަށްޓަކައެެވެ.
ކިއުބާއާއި ލެޓިންއެމެރިކާގެ ބައެއް ގައުމުތައް ބާންކީ މޫންއަށް ތާއީދުކުރުމަށް ދެކޮޅު ހަދަނީ އޭނާއަކީ އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ބޭފުޅެއްކަމަށް އެގައުމުތަކުން ދެކޭތީ ކަމަށްވެސް ނާންހާމަކުރަންނޭދޭ ހުޅަނގުގެ ޑިޕްލޮމޭޓް ވިދާޅުވި އެވެ.
ފަސް އަހަރުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވިކަން ބާންކީ މޫން އިއުލާން ކުރެއްވީ މިމަހުގެ ކުރީކޮޅުގައެވެ. މިކަމަށް ބޭނުންވާ އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ބޮޑު ފަސްބާރުގެ ތާއީދު ބާންކީ މޫން މިހާރު ހޯއްދަވާފައިވާ ކަމަށް ހަބަރު ލިބެއެވެ.
ބާންކީ މޫންއަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވި ވަޑައިގަތުމުގެ ކުރިން ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޑިޕްލޮމޭޓެކެވެ. އޭނާގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ފުރަތަމަ ދައުރުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 31 ގައި ހަމަވާނެއެވެ. ނަމަވެސް މިމަހު ތެރޭގައި އެމަޤާމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހެއެވެ.
އދ. ގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކުރަނީ 192 ދައުލަތް ހިމެނޭ އދ. ގެ ޖެނެރަލް އެސެމްބްލީ ނުވަތަ އާންމު ޖަމްއިއްޔާގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
އެހެންކަމުން ކިޔުބާއާއި ލެޓިން އެމެރިކާގެ ޤައުމުތަކުން އޭނާއަށް އިޢުތިރާޒް ކުރިނަމަވެސް ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯ ކުރުމުގެ ބަރުލިބިފައިވާ ފަސް ގައުމުންކުރެ ގައުމަކުން ވީޓޯ ނުކޮށް އެމަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައި އަދި ޖެނެރަލް އެސެމްބްލީގެ އަޣުލަބިއްޔަތު ބާންކީ މޫން އަށް ލިބިއްޖެނަމަ އޭނާ އިތުރު ދައުރަކަށް ހޮވި ވަޑައިގަންނަވާނެ ކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)