ހުށަހެޅިފައިވާ ޝަކުވާތަކަކާ ގުޅިގެން ފަސްކުރި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބު، އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ޑިސެމްބަރު ދެ ވަނަ ދުވަހުގެ ހަވީރު ބާޢްވަން އޮތް އެމްއެމްސީގެ އިންތިހާބު ފަސް ކުރީ، އިންތިޚާބު ބޭއްވުމަށް 24 ގަޑިއިރަށް ވުރެ ވެސް ގާތްވެފައި ވަނިކޮށް، އިންތިޚާބާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން ދާތީ އާއި، މި އިންތިޚާބާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައި ވާތީ ކަމަށް ބުނެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ފަސް ކުރި އެމްއެމްސީގެ އިންތިޚާބުގެ ވޯޓުލުން، ޑިސެމްބަރު 12 ވާ ހޯމަ ދުވަހު ހަވީރު އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން މީޑިއާ ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު އަލުން ހަމަޖައްސާފައިވާ އިރު، މީޑިއާ ކައުންސިލްގައި ތިބޭ 15 މެމްބަރެއްގެ ތެރެއިން 13 މެމްބަރެއްގެ ދައުރު، އިއްޔެ ވަނީ ހަމަވެފައެވެ.

ދައުރުގެ މުއްދަތު ހަމަވި މެމްބަރުންގެ ތެރޭގައި އެމްއެމްސީގެ ރައީސް މުހައްމަދު އާސިފާއި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ނަފީސް ވެސް ހިމެނެ އެވެ. އެމްއެމްސީގެ މެމްބަރު ކަމުގައި މިހާރު ތިއްބެވި ދެ މެމްބަރުންނަކީ "އަވަސް" އޮންލައިންގެ ފަރާތުން އިންތިހާބުވި މުހައްމަދު އަފްޒަލް އާމިރާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުވި މުހައްމަދު ހައްސާނެވެ. އެ ދެ މެމްބަރުންނަކީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރުގެ މެދުތެރެ އިން އިންތިހާބު ކުރި ދެ މެމްބަރުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން 86 މީޑިއާއަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ. ރަޖިސްޓްރީ ކުރި މީޑިއާތަކުގެ ތެރޭގައި ނުހިންގާ މީޑީއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ރަޖިސްޓްރީ ކުރިތާ ތިން މަސް ހަމަނުވާ މީޑިއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި މީޑިއާތަކަށް ދީފައިވާ ހަތް ޖާގައަށް 17 ފަރާތަކުން ވާދަކުރާއިރު، އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަ ފަރާތެއް އިންތިޚާބު ކުރެވޭނެ އެވެ.