04 Dec 2016, 19:26
އެއްވެސް މައްސަލައެއް ކުރިމަތިނުވެ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލެމުގެ ދަށުން އުމްރާއަށް ދާ ފަރާތްތައް ސައުދީ އަރަބިއްޔާއަށް މިއަދު ފުރައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ޖުމްލަ 33 މީހަކު ފުރާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހު ޓީމު ފުރީ މިއަދު ހެނދުނު 10:15 ގަ އެވެ. އެ ފަރާތްތަކުން އުމްރާވުމަށް ސައުދީއަށް ފުރާފައިވާއިރު، އެ ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ދިޔަ އިތުރު ޓީމެއް ވެސް ދަނީ ސައުދީގައި ހަރަކާތްތެރިވަމުންނެވެ. އެއީ ތިން ހަރަމުގެ އުމްރާ ދަތުރުގެ ބައިވެރިންނެވެ.
"އުމުރާއަށް ފުރުމަށް ހަމަޖެހިފައިވާ ހުރިހާ ބޭފުޅުން އަންގާފައިވާ ދުވަހަށް ވިސާ ހަމަޖެއްސުމަށްފަހު ވަނީ ފުރާފައި. ހައްޖު ކޯޕަރޭޝަނުން ދަނީ ވިސާގެ ކަންތައްތައް ކުރިއާލައި ހަމަޖައްސައި އުމުރާވެރިން ހަމަޖެހިފައިވާ ތާވަލަށް އަޅުކަން ފުރިހަމަ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން،" ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވި އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ "ތިން ހަރަމް އުމްރާ" ދަތުގެ މިފަހަރުގެ މަންޒިލަކީ މައްކާ އާއި މަދީނާ އަދި ފަލަސްތީނެވެ. "ތިން ހަރަމް ޢުމްރާ" ދަތުރުގައި 25 ދިވެއްސަކު ވަނީ ބައިވެރިވެފަ އެވެ. އެ މީހުން ވަނީ އެ ދަތުރުތަކުގައި ފަލަސްތީނުގެ ބިމަށް ޒިޔާރަތްކޮށް މަސްޖިދުލް އަޤްސާގައި ނަމާދުކޮށްފަ އެވެ. އަދި ތާރީހީ ބިނާތައް ހިމެނޭ ސަހަރުތަކަށް ޒިޔާރަތްކޮށްފައިވެ އެވެ.