17 Jun 2011, 12:42
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، އެ އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލު ދެރަ ބަލި މީހަކު މާލެ ފޮނުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދުމުން "އަޅުގަނޑަކީ ލޯންޗު ސެކްޝަން ހިންގާ ބޭފުޅެއް ނޫނޭ" ރައީސް ވިދާޅުވި ކަމަށް ބުނެ، ލަންދޫ ކައުންސިލުން ނެރުނު ބަޔާން އުތުރުގެ ސަރަހައްދުގެ ގައުމީ އިދާރާއިން ދޮގުކޮށްފި އެވެ.
އުތުރު ސަރަހައްދުގެ ގައުމީ އިދާރާއިން ރޭ ނެރުނު ބަޔާނުގައި ބުނަނީ، ރައީސް ނަޝީދު ނ. މަނަދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ހޮސްޕިޓަލިގައި ސްޓްރޯކެއް ޖެހިގެން އެޑްމިޓްކޮށްފައި އޮތް ހާލު ބޮޑު ބަލި މީހަކު މާލެ ގެނައުމަށް އޭނާގެ އާއިލާއިން އެދުމުން ރައީސް ނަޝީދު "ތިމަން މަނިކުފާނަކީ ލޯންޗް ސެކްޝަން ހިންގަވާ ބޭފުޅެއް ނޫން" ކަމަށް ވިދާޅުވެ ހަރުކަށި ޖަވާބެއް ދެއްވި ކަމަށް ބުނެ ލަންދޫ ކައުންސިލުން ނެރުނު ބަޔާނަކީ "ކަން ހިނގާ ދިޔަ ގޮތާ މުޅިން ހިލާފަށް، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް" ނެރެފައިވާ ބަޔާނެއް ކަމަށެވެ.
ބަލިމީހާ ވަނީ މާލެ ގެނެސް ފަރުވާދެނިކޮށް މަރުވެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި، ރައީސް ނަޝީދު މަނަދު އަށް ވަޑައިގެންނެވި ހަބަރު ލިބުމުން ބަލިމީހާ މާލެ ގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އާއިލާ އިން ފުރަތަމަ އެދުނީ ނ. އަތޮޅު ކައުންސިލްގެ މެމްބަރެއް މެދުވެރިކޮށް މަނަދޫ ދާއިރާގެ މަޖިލިހުގެ މެމްބަރު މުހައްމަދު ތޯރިގުގެ އަރިހުންނެވެ. އަދި ރައީސް ނަޝީދުގެ ފަރާތްޕުޅުން ތޯރިގު ވަނީ އެ އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު މާހިދު މެދުވެރިކޮށް، އޭރު ކުރިއަށް ދިޔަ ޖަލްސާގައި އިންނެވި މަނަދޫ ހޮސްޕިޓަލްގެ މެނޭޖަރު ގެންދަވައި، އެންސްޕާ އަށް ގުޅާ ބަލިމީހާ މާލެ ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައިފަ ކަމަށް ވެސް އެބަޔާނުގައި ބުނެ އެވެ.
ނަމަވެސް، ގައުމީ އިދާރާއިން ބުނި ގޮތުގައި، ބަލިމީހާ އަކީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ މީހަކަށް ނުވާތީ އެންސްޕާ އިން ދޭ ގޮތަށް ހަމަޖެއްސީ ދަތުރުގެ ތިންބައިކުޅަ އެއްބަ އެވެ.
އެހެން ހަމަޖެހުނުކަމުގައިވީ ނަމަވެސް ބެލިބެލުމުގައި އެންމެ އަގުހެޔޮކޮށް ދަތުރުކޮށްދޭން އެ އަތޮޅުން ހޯދުނު ލޯންޗުން ވެސް މާލެ އަށް ދަތުރެއްކޮށްދިނުމަށް 24،000 ރުފިޔާ ހަރަދު ވާތީ އާއި އަދި އެންސްޕާގެ ދަށުން އެދަތުރު ހަމަޖެހުނަސް އެވަގުތު އެއްވެސް ވަރެއްގެ ފައިސާގެ އަދަދެއް އާއިލާ އަށް ދެއްކެން ނެތް ކަމަށް އާއިލާ އިން ބުނެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އަދި އާއިލާގެ ފަރާތުން ސީދާ ރައީސް ނަޝީދަށް ބަލިމީހާ ގެންދިއުމުގެ ވާހަކަ ދެންނެވީ އޭގެ ފަހުން ކަމަށާއި އެވަގުތު ރައީސް ހުންނެވީ މަނަދޫން ފުރާވަޑައިގަތުމަށް ފާލަން ދޮށުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެވާހަކަ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވުމުން، އެތަނުގައި އެވަގުތު ހުންނެވި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓާ އަލީ ނިޔާޒް އަށް ހެލްތު ކޯޕަރޭޝަނާ ގުޅިގެން އެ ބަލި މީހާގެ ކަންކަން ވީ އެންމެ އަވަހަކަށް އާއިލާއިން ބޭނުންވާ ގޮތަށް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވި އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ރައީސްގެ އެންގެވުމުގެ މަތިން އެ އޮފީހުން ބަލި މީހާ މާލެ ފޮނުވުމުގެ މަސައްކަތް ފެށި ކަމަށާއި އޭނާ މާލެ ފޮނުވާލީ އެރަށުގައި އޭރު އޮތް ރައީސް އޮފީހުގެ "ލިލީމާ" ލޯންޗުގައި ކަމަށް ގައުމީ އިދާރާއިން ބުނެ އެވެ. އެ ދަތުރުކުރުމަށް އެ ލޯންޗުގައި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ކުރަން ރޭވިފައި ހުރި ދަތުރުތަކެއް މެދުކަނޑާލަން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.
އުތުރުގެ ގައުމީ އިދާރާއިން އިތުރަށް ބުނެފައިވަނީ، ބަލިމީހާ މާލެ ފޮނުވުމުގެ "އެކަންތައްތައް ހިނގަމުން ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާފައިވާ" ކަމަށާއި އޭނާ ފޮނުވާލުމަށް ސީދާ ހަރަދުކޮށްފައިވަނީ މުލިއާގޭ ބަޖެޓުން ކަމަށެވެ. އަދި އިތުރަށް ބުނެފައިވެ އެވެ: "މިއާއެކު ބަލި މީހާގެ އާއިލާގެ ފަރާތުން މި ދަތުރުގެ އެއްވެސް ހަރަދެއް ކުރަން ޖެހިފައި ނުވާކަން ފާހަގަކުރަމެވެ. މި ދަތުރަށް މުލިއާގޭގެ ބަޖެޓުން ވަނީ 18،000ރ. ހަރަދުކޮށްފަ އެވެ."
ގައުމީ އިދާރާއިން ބުނަނީ، "މިހާ ސާފުކޮށް ކަން ހިނގާފައި އޮތް ކަމެއް، ގަސްދުގައި އޮޅުވާލުމަށް ނ. އަތޮޅު ލަންދޫ ކައުންސިލްގެ އިދާރާ އިން ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް ނެރެފައިވާ ނޫސްބަޔާން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްގެން ސިޔާސީ ބައެއް ފަރާތްތަކުން ހިންގާ "ފިކުރީ ޖަރީމާތަކަށް" ރައްޔިތުން ސަމާލުވުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.