04 Dec 2016, 15:26
ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މީގެކުރިން ވެސް އަޑުއެހުންތައް ނިންމާލާފައި އޮތް އެ މައްސަލާގައި މިއަދު އިތުރު އަޑުއެހުމެއް ބޭއްވީ މީގެ ކުރިން މައްސަލަ ބައްލަވަމުން ދިޔަ ގާޒީ ބަދަލުވުމާ ގުޅިގެންނެވެ. މީގެ ކުރިން އެމައްސަލަ ބަލާފައި ވަނީ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުރި އަބްދުﷲ މުހައްމަދު ( އަބްދުﷲ ގާޒީ) އެވެ.
މިއަދު އެ މައްސަލައާ ހަވާލުވެ ބަލާފައި ވަނީ މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.
އެމީހުންގެ ތެރެއިން ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އަދަބާ ބެހޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އަޑުއެހުން ނިންމާލަމުން ގާޒީ ބާރީ ވިދާޅުވީ މައްސަލައިގެ ހުކުމް ކުރުން ވަރަށް އަވަހަށް އޮންނާނެ ކަމަށެވެ.