ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި، ރާއްޖެއަށް އެތެރެކުރަން އުޅުނު 6.9 ކިލޯގުރާމްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލަތަކުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ ތިން އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި ދެ އަންހެނުން ކަމަށެވެ. އެއީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނެކެވެ.

އެ މީހުންގެ ތެރެއިން އުމުރުން 23 އަހަރުގެ މީހާ ފުލުހުން ހައްޔަރުކުރީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ޔޫއެލް ފްލައިޓަކުން ރާއްޖެ އައިތަނުން، އޭނާގެ ލަގޭޖް ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމުގައި ހަޝިޝް އޮއިލް ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ގަނޑު ފެނުމުންނެވެ.

އެތަކެތީގެ ވަގުތީ ބަރުދަނުގައި 3.142 ކިލޯގުރާމް ހުރިކަމަށް ފުލުހުން ބުނެެއެވެ. އުމުރުން 23 އަހަރުގެ މީހާގެ އަތުން ފެނުނު އެ މަސްތުވާތަކެއްޗާ ގުޅިގެން އުމުރުން 25 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ ފުލުހުން ހައްޔަރުކުރީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން 26 އަހަރުގެ އަންހެން މީހާ މަސްތުވާތަކެއްޗާއެކު އަތުލައިގަތީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި ތަނުންނެވެ.

ފުލުހުން ބުނީ، އޭނާ ރާއްޖެ ގެނައި ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރުމުން ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ޕެކެޓް މަސްތުވާތަކެތި ފެނުނު ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 2.74 ކިލޯގްރާމް ހުރިކަމަށެވެ.

އުމުރުން 27 އަހަރުގެ އަންހެން މީހާ ވެސް ފުލުހުން ހައްޔަރުކުރީ އިންޑިއާއިން ރާއްޖެ އައިތަނުންނެވެ. މަސްތުވާތަކެއްޗާއެކު އޭނާ ފުލުހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރުއެވެ.

ފުލުހުން ބުނީ، އޭނާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާ ރާއްޖެގެނައި ލަގެޖް ތެރޭގައި ފޮރުވާފައި ހުއްޓައެވެ. ލަގެޖް ތެރޭން ހަޝިޝް އޮއިލްކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކެއް ފެނުނު ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1.032 ކިލޯގުރާމް ހުރި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.