ކޮންމެ ފުޓްބޯޅަ ސީޒަނެއްގައި ވެސް ނޮވެމްބަރު މަސް ފާހަގަވެފައި އޮންނަނީ އާސެނަލް ފުޓްބޯލް ކްލަބަށް ބަދުނަސީބު މަހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަސް އެ ޓީމުން ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ރޭ އާސެނަލް ކުޅުނު މެޗުން އެޓީމު ވަނީ، ފަސޭހަކަމާއެކު 5-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

އާސެނަލަށް ކޮންމެ އަހަރަކުވެސް ލައިގަންނަ 'ނޮވެމްބަރު ސުންޕާ'އިން މިފަހަރު ސަލާމަތްވެފައި ވާއިރު، އެޓީމު ވަނީ، ނޮވެމްބަރު ދެ ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގައި ލުޑޮގޮރެޓްސްއާ ދެކޮޅަށް ކުޅުނު މެޗު 2-3 އިން ކާމިޔާބުކޮށްފައެވެ. އަދި ނޮވެމްބަރު ހަ ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ޓޮޓެންހަމްއާ ދެކޮށްޅަށް އާސެނަލް ކުޅުނު މެޗު 1-1 އިން އެއްވަރު ވެފައިވާއިރު، 19 ނޮވެމްބަރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ލީގުމެޗުވެސް ވަނީ 1-1 އިން އެއްވަރު ވެފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އަތުން 5-1 ލަނޑުން އާސެނަލް މޮޅުވި މެޗުގައި ސަންޗޭޒް އޭނާ އެ މެޗުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑު ޖަހަނީ -- ފޮޓޯ: އޭޕީ

ނޮވެމްބަރު 24ގައި ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ކުޅުނު ޗެމްޕިއަންސް ލީގު މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އަދި ނޮވެމްބަރު 27ގައި ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ވަނީ 3-1 ލަނޑުން މޮޅުވެފައެވެ.

ޕްރިމިއަރ ލީގުގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ރޭ އާސެނަލް ކުޅުނު މެޗުގެ ފުރަތަމަ ލަނޑ،ު ފުރަތަމަ ހާފްގައި އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް ކާމިޔާބުކޮށްދިން އިރު، ފަހު ހާފުގައި އެލެކްސް ސަންޗޭޒް ވަނީ، އެޓީމަށް އިތުރު ތިން ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކެއް ހަދައިފައެވެ. އަދި އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން ވެސް ސްކޯ ޝީޓުން ޖާގަ ހޯދިއިރު، ފަހު ހާފުގައި ވެސްޓްހޭމްއަށް ސުން ކަނޑުވާލަ ދިނީ އެންޑީ ކެރޯލް އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އަތުން 5-1 ލަނޑުން އާސެނަލް މޮޅުވި މެޗުގައި ލަނޑުޖެހުމަށް ފަހު އާސެނަލް ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

އެ މެޗަށްފަހު އޮޒިލް ވަނީ، މި ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށް، އާސެނަލްގެ ހުރިހާ ކުޅުންތެރީންވެސް އިތުރަށް މަސައްކަތްކޮށް ފިޓްކޮށް ތިބުމަށް ގޮވާލައިފައެވެ.

"ޓައިޓަލް ރޭހުގައި އަހަރެމެން މިހާރު މި ތިބީ ރަނގަޅު ޕޮޒިޝަނެއްގައި. އެއްވެސް މެޗަކުން ބަލި ނުވެ، އަހަރެމެން މިވަނީ ކޮންމެ އަހަރަކު އަހަރެމެންނަށް ލައިގަންނަ 'އާސްނޮވެމްބަރު' އިން ސަލާމަތްވެ، ކުރިއަށް ހުރި މެޗުތަކާ މެދު އިތުބާރު ބޮޑުވެފައި،" އޮޒިލް ބުންޏެވެ.

"އެކަމަކު އަހަރެމެން އެބަޖެހޭ މޮޅުވަމުން ދާން، އަދި ޓީމު ތާވަލުގެ ކުރީގައި ބޭއްވުމަށް ކުޅުންތެރީން ޖެހޭ ފިޓްކޮށް ތިބެން."

ވެސްޓްހޭމްގެ މައްޗަށް އާސެނަލް ހޯދި ކާމިޔާބާއެކު އެޓީމު ވަނީ، 31 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ތާވަލުގެ އެއް ވަނައިގައި 34 ޕޮއިންޓާއެކު ޗެލްސީ އޮތް އިރު، މިރޭ ބޯންމައުތްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ލިވަޕޫލަށް އަލުން ތާވަލުގެ ދެވަނަ ލިބޭނެއެވެ.