ޓެކްސްގެ ނިޒާމަށް ބަދަލު އައުމުން ސަރުކާރުން މިހާރު ރައްޔިތުންނަށްޓަކައި ހިންގަމުން ގެންދާ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ތަނަވަސްވެ، ރައްޔިތުންނަށް ސަރުކާރުން އަނބުރާ ލިއްބައިދެވޭ މިންވަރު އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ހަފްތާގެ ރޭޑިއޯ ހިތާބުގައި ވެސް ޓެކްސްގެ ނިޒާމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަގީރު ގޭބިސީތަކާއި މުއްސަނދި ގޭބިސީތަކުގެ ފަރަގު ވެވުނުހާ މިންވަރަކުން ކުޑަކުރުން ކަމަށެވެ. އަދި ފޯރުންތެރި އަދި މުއްސަނދި ފަރާތްތަކާއި އެންމެ އާދައިގެ ރައްޔިތުމީހާއާ ދެމެދުހުރި ފަރަގުތައް ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ދައުލަތަށް ލިބޭ އާމްދަނީ ރައްޔިތުންނަށް ބެހެވިގެންދާ މިންވަރު، ވީހާ ބޮޑަކަށް ހަމަހަމަކުރުމާއި، މެދުޖެއްސުމުގެ މަސައްކަތުގައި ދެމިތިބުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން، ޓެކްސްގެ ނިޒާމްގެ ބޭނުމަކީ އާދައިގެ ރައްޔިތުމީހާ، ތަކެތީގެ އަގުން ނުސީދާ ގޮތުގައި ދައުލަތަށް ދައްކާ މިންވަރު އެއީ ވިޔަފާރީގެ ފައިދާ އިން ލިބޭ މިންވަރުގެ މައްޗަށް ބިނާކޮށް، ފޯރުންތެރި ފަރާތްތަކުން ދައްކާ އެއްޗެއްގެ ގޮތަށް ބަދަލުކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިބަދަލު އައުމުން، ސަރުކާރުން މިހާރު ރައްޔިތުންނަށްޓަކައި ހިންގަމުން ގެންދާ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ތަނަވަސްވެ، ރައްޔިތުންނަށް އަނބުރާ ސަރުކާރުން ލިއްބައިދެވޭ މިންވަރު އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ޕްލޭނިން ޑިޕާޓްމަންޓް އިން އާއްމުކުރި ގޭބިސީތަކުގެ ހަރަދުތަކުގެ ތަފާސްހިސާބުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެ ހިސާބުތަކަށް ބަލާއިރު ގޭބިސީއަކަށް ލިބޭ އާމްދަނީ މީގެ ހަތް އަހަރު ކުރިއާ އަޅާބަލާއިރު ސައްތައަކުން ބައްތިރީހުގެ ނިސްބަތަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ގޭބިސީއަކުން ކުރަންޖެހޭ ހަރަދުތައް ސައްތައަކުން ތިރީސް ހަތެއްގެ ނިސްބަތަށް ބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޖުމްލަކޮށް ބަލާއިރު، ފަގީރުން ކަމުގައި ބެލޭ މީހުންގެ އަދަދާއި ނިސްބަތް މިވަނީ މަދުވެފައި. މާނައަކީ ރައްޔިތު މީހާގެ ފޯރުންތެރިކަން މިދަނީ އިތުރުވަމުންކަމާއި، ހަރަދު ބޮޑުވާ ނިސްބަތް މިދަނީ ދަށްކުރެވެމުންކަން މިތަފާސް ހިސާބުތަކުން ފާހަގަކުރެވޭ. މިހާރުގެ މިންގަނޑުތަކުން ބަލާއިރު، ދުވާލަކަށް ތޭވީސް ރުފިޔާއަށްވުރެ މަދުން ލިބޭ މީހުންނަކީ، ފަގީރުންގެ ގޮތުގައި ހިމަނައިފިނަމަ، މި ރާއްޖޭގެ އާބާދީގެ ސަތޭކައަކުން ފަނަރަ މީހަކު މިވަނީ ފަގީރުންގެ ގޮތުގައި ބަލާންޖެހިފައި. މި ނިސްބަތްވެސް މިވަނީ މީގެ ހަތް އަހަރު ކުރިއާ އަޅާބަލާއިރު ހުރި މިންވަރަށްވުރެ ދެބައިކުޅަ އެއްބައި ދަށްވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުވައި، ދައުލަތަށް އާމްދަނީ ލިބޭނެ ދެމެހެއްޓެނިވި ގޮތްތަކެއް ހޯދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު ގާނޫނީ އިސްލާޙުތަކެއް ކަމަށެވެ. އަދި އެ ބިލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ފާސްކޮށްދެއްވުމަށް އެމަނިކުފާނު އުއްމީދުކުރައްވަ ކަމުގައި ވިދާޅުވި އެވެ.

"މިބިލްތައް ގާނޫނަށްވުމުން، ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ. ބޭނުންތެރި އެތަކެއް މުދަލަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް މަގުފަހިވެގެންދާނެ. މި ގާނޫނުތައް ފާސްވުމާ ހަމައަށްވެސް ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބަރޯސާވެފައި އޮންނަން މިޖެހެނީ، އިމްޕޯޓް ޑިއުޓީގެ މައްޗަށް. މިހެން އޮތުމުން، އެ ނެގޭ ޑިއުޓީ ބަދަލުވެގެންދަނީ މުދަލުގެ އަގުގެ ތެރެއަށް. މުދާ ނުވިއްކެނީސް އަދި އެ މުދަލަކުން ނަފާ ނުލިބެނީސް، އޭގެ މައްޗަށް ބައިކުޅަ ބައެއް، ވިޔަފާރިވެރިން ދައުލަތަށް ދައްކަން ޖެހުމުން، އެބައި ހިމެނިގެންދަނީ އަގުގެ ތެރޭގައި. މިދެންނެވި އަގު އަދާކުރާން މިތިބެނީ، އާންމު ރައްޔިތުން ނުވަތަ މުދަލާއި ތަކެތި ގަންނަ ފަރާތްތައް. އެހެންކަމުން، އެންމެ އާދައިގެ އާމްދަނީ ލިބޭ ރައްޔިތުމީހާއިން ފެށިގެން މުއްސަނދި މަހުޖަނުންވެސް މުދަލަށްދޭ އަގުގައި، ނުސީދާކޮށް އިމްޕޯޓް ޑިއުޓީ ހިމެނޭތީ، ދައުލަތުގެ އާމްދަނީ މި އަދާކުރަނީ، އެއް މިންވަރަކަށް. ޓެކްސްގެ ނިޒާމު ތައާރުފް ކުރެވުމުން، ދައުލަތުގެ އާމްދަނީއަށް ރައްޔިތުމީހާ އަދާކުރާ މިންވަރު ހިމެނިގެންދާނީ ލިބިފައިވާ ވިޔަފާރި ފައިދާގެ މައްޗަށް. އަދި ލިބިފައިވާ އާމްދަނީ ބޮޑުވެފައިވާ ނިސްބަތުގެ މައްޗަށް. މިހެންވުމުން، އާދައިގެ އާމްދަނީ ލިބޭ ރައްޔިތުމީހާއަށް މުދަލުގެ އަގު ލުއިވެ، އޭނާ ކުރިން ދައްކަމުން އައި ނުސީދާ ޓެކްސް، މުދަލުގެ އަގުން ފައިދާ ލިބެވޭ ފަރާތުން ދައްކާ ގޮތަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.