04 Dec 2016, 09:54
ވޮޝިންޓަން(ޑިސެމްބަރު 4): އެމެރިކާގެ ޕެންސިލްވޭނިއާގައި ރިޔާސީ އިންތިހާބުގެ ވޯޓުތައް އަލުން ގުނުމަށް އެދި ގްރީން ޕާޓީން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
އެމައްސަލަ އަނބުރާ ގެންދިޔައީ ވޯޓު އަލުން ގުނުމަށް ބޭނުންވާ ނަމަ މާދަމާ ކޯޓަށް ހުށަހަޅަން ޖެހޭ އެއް މިލިއަން ޑޮލަރުގެ ބޮންޑު ގްރީން ޕާޓީއަށް ދެއްކެން ނެތުމުން ކަމަށް ވަކީލުން ބުނެ އެވެ.
ގްރީން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޖިލް ސްޓެއިން ވިދާޅުވާ ގޮތުގައި ޓްރަމްޕް ވަރަށް ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވި މިޝިގަން، ވިސްކޮންސިން އަދި ޕެންސިލްވޭނިއާގެ ވޯޓިން ސިސްޓަމްތައް ވަނީ ހެކްކޮށްފައެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރެއްވީ އެ ތިން ސްޓޭޓުގެ ވޯޓުތައް އަލުން ގުނުމަށެވެ.
އެ ތިން ސްޓޭޓުގެ ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމުގައިވީ ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ވޯޓިން ސިސްޓަމްތައް ހެކް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ ވޯޓު އަލުން ގުނުން ހުއްޓުވަން މަސައްކަތްކޮށްފައެވެ.
އެގޮތުން ވިސްކޮންސިންގެ ވޯޓު އަލުން ގުނުން ވަގުތުން ހުއްޓާލުމަށް އެދި ފެޑެރަލް ކޯޓަކަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގަނެފައި ނުވެ އެވެ. ނަމަވެސް އެމައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ހުއްދަ ވަނީ ދީފައެވެ.
ވިސްކޮންސިންގެ އިތުރުން މިޝިގަންގައި ވޯޓު އަލުން ގުނުން ހުއްޓުވުމަށް ރިޕަބްލިކަން ޕާޓީން ވަނީ އެ ސްޓޭޓުގެ އިލެކްޝަންސް ބޯޑަށް މައްސަލައެއް ހުށަހަޅާފައެވެ.
ގްރީން ޕާޓީން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައިވަނީ އެ މައްސަލައިގެ އަޑު އެހުން ބާއްވަން ދެދުވަހަށް ވެފައި ވަނިކޮށެވެ. ޓްރަމްޕް ވިސްކޮންސިން ކާމިޔާބު ކުރެއްވީ 49،000 ވޯޓު ނުވަތަ އެއް ޕަސެންޓު ވޯޓުގެ ތަފާތަކުންނެވެ.
"ޕެޓިޝަން ހުށަހަޅާފައި ވަނީ އާދައިގެ މުސާރައެއް ލިބޭ އާއްމުން. ކޯޓަށް ދައްކަން ޖެހޭ އެއް މިލިއަން ޑޮަލަރުގެ ބޮންޑު އެމީހުންނަށް ދެވެން ނެތް،" ކޯޓުގެ ލިޔުމުގައިވެ އެވެ.
ޖިލް ސްޓެއިންގެ ޓުވީޓެއްގައި އޭނާ ވަނީ "ވޯޓު އަލުން ގުނުން އެހާވަރަށް އަގު ބޮޑީ 21 ވަނަ ގަރުނުގެ ވޯޓިން ސިސްޓަމެއް ގާއިމު ކުރަން އިންތިހާބުވެފައިވާ ލީޑަރުން ދެކޮޅު ހެދުމުން" ކަމަށް ވިދާޅުވެފައެވެ. އަދި ވޯޓު އަލުން ގުނުން ހުއްޓުވަން ޓްރަމްޕް މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
ވޯޓިން ސިސްޓަމްތައް ހެކް ކުރި ކަމަށް ގްރީން ޕާޓީން ބުނި ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވެ އެވެ. އަދި ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ ޓީމުން ވެސް ވަނީ ވޯޓު އޮޅުވާލި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ހިލަރީގެ ޓީމުން ވޯޓު އަލުން ގުނުމުގައި ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ. (ބީބީސީ)