ބާސެލޯނާއާ ދެކޮޅަށް އެޓީމުގެ ކޭމްޕް ނޯގައި ރެއާލް މެޑްރިޑް ރޭ ކުޅުނު އެލް ކްލަސިކޯ މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވުމުން، ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި ރެއާލް މެޑްރިޑް މިވަނީ ރަށުން ބޭރުގައި ބަލިނުވެ 17 މެޗު ހަމަކޮށްފައެވެ. މާނައަކީ، ރެއާލްގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެޓީމު ރަށުން ބޭރުގައި މެޗަކުން ބަލިނުވެ ގާއިމުކޮށްފައިވާ 17 މެޗުގެ ރެކޯޑާ ޒިދާން އަރައި ހަމަކުރީއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސްޕެނިޝް ލީގުގެ ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، ރެއާލުން ފުރުސަތުތަކެއް ހޯދި ނަމަވެސް، ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް މިނެޓް ފަހުން ބާސާގެ ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރި ހޯދައިދީފައެވެ. އަދި އެ ނަތީޖާގައި މެޗު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް 90 ވަނަ މިނިޓްގައި ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ސާޖިއޯ ރާމޯސްއެވެ.

މި ނަތީޖާއާއެކު ޒިދާން ވަނީ، އޭނާގެ ކުރިން ރެއާލަށް ކޯޗުކޮށްދިން މޮރީނިއޯގެ، ރަށުން ބޭރުގައި ބަލިނުވުމުގެ 17 މެޗުގެ ރެކޯޑާ ހަމަހަމަކޮށްފައެވެ. އަދި އޭގެ އިތުރުން ރެއާލުން މިވަނީ ލީގު ތާވަލުގައި ބާސާގެ މައްޗަށް ހޯދާފައި އޮތް ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފައެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއެކު އަދިވެސް އެއް ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ދެ ވަނައިގައި އޮތް ބާސާ އަށް ކުޅުނު 14 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ސެވިއްޔާއަށް ކުޅުނު 14 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.