ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަން ސާބިތުވުމުން 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަހުމަދު މަހުލޫފު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ހުއްދަދީފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

މަހުލޫފަށް ދިމާވެފައިވާ ބައެއް ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ދާން ހުއްދަ ލިބިފައިވާ ކަން އޭނާގެ ވަކީލު 'ސަން' އަށް ކަށަވަރުކޮށްދެ އެެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ހަ މަހަށް ޖަލަށްލާން މަހުލޫފުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާތީ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފަހު، ކޯޓުން ނެރުނު ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި ފިލަން ދުވެފައިވާ ކަމަށް ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާތީ ކަމަށް ހުކުމުގައިވެ އެވެ.

މަހުލޫފަކީ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.