ސަގާފީ، ދިވެހިވަންތަ ފަރުމާތަކަކާ އެކު ބ. އަތޮޅު މިލައިދޫގައި ތަރައްގީކުރި މިލައިދޫ އައިލެންޑް މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ.

މިލައިދޫ ރިސޯޓު ހުޅުވާފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.

ޔުނިވާސަލް އެންޓަޕްރައިޒެސްއިން އެ ރިސޯޓްގައި ޓޫރިސްޓުން ތިބުމަށް ޖުމްލަ 50 ކޮޓަރި ހަދާފައިވެއެވެ. އެއީ 30 ވޯޓާވިލާ އާއި 20 ބީޗްވިލާއެވެ. ވޯޓާވިލާ އެއްގެ ބޮޑުމިނަކީ 245 އަކަމީޓަރެވެ. އަދި ބީޗްވިލާ އެއްގެ ބޮޑުމިނަކީ 290 އަކަމީޓަރެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ސްވިމިންޕޫލެއް ހުރެއެވެ.

މިލައިދޫ ރިސޯޓަށް އައި އެންމެ ފުރަތަމަ މެހެމާނުން -- ފޮޓޯ/ މިލައިދޫ

ބ. އަތޮޅުގެ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި އޮންނަ މިލައިދޫއަށް ދާ ފަތުރުވެރިންނަށް، މެންޓާ ރޭއާއި ފެހުރިހި ބެލުމަށް ހަނިފަރު ސަރަހައްދަށް ދެވޭނެ އިންތިޒާމު ރިސޯޓުން ހަމަޖައްސައިދެއެވެ. މީގެ އިތުރުން ވޯޓަރސްޕޯޓްސްއާއި، މަސް ބޭނުމަށް ވެސް ފަތުރުވެރިންނަށް ދެވޭނެއެވެ.

މިލައިދޫގައި ޖުމްލަ ތިން ރެސްޓޯރަންޓް ހުންނަ އިރު، އެންމެ ފާހަގަކޮށްލެވޭ، އަދި އެ ރިސޯޓުގެ އެންމެ ޚާއްސަ ރެސްޓޯރަންޓަކީ ބައްތެލި ލޯންޖް އެންޑް ރެސްޓޯރަންޓެވެ. މި ރެސްޓޯރަންޓު ފަރުމާކޮށްފައިވަނީ، ރިޔާ ނެގި ތިން ބައްތެލީގެ ގޮތުގައެވެ.