ދުބާއީގެފާސްޓް ފުޑް ފްރެންޗައިޒް "ޗިކިންގް"އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވުމަށް ނިންމައިފިއެވެ.

ދުބާއީގެ ބައިނަލްއަގުވާމީ ފާސްޓް ފުޑް ޗެއިން "ޗިކިންގް" އަކީ އޭޝިއާގެ ބައެއް ގައުމުތަކުގައި ހިންގަމުން އަންނަ، މަގުބޫލު، ހަލާލް ސެޓިފައިޑް ފްރެންޗައިޒެކެވެ.

ނިމިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު، ޗިކިންގް ފްރެންޗައިޒް ރާއްޖެ ގެނައުމަށް ޗިކިންގްއިން ވަނީ ދިވެހިރާއްޖޭގެ ކުންފުންޏަކާ އެކު ސޮއިކޮށްފައެވެ.

ޗިކިންގްގެ ރާއްޖޭގެ މާސްޓަރ ފްރެންޗައިޒީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓީއެފްސީ އިންވެސްޓްމެންޓް ކިޔާ ކުންފުންޏެކެވެ.

ޗިކިންގްގެ ރާއްޖޭގެ މާސްޓަރ ފްރެންޗައިޒް އެއްބަސްވުމުގައި ޓީއެފްސީ އިންވެސްޓްމެންޓްސްއާ އެކު ސޮއިކުރުން --

މާސްޓަރ ފްރެންޗައިޒް އެގްރިމެންޓުގައި ސޮއިކުރެއްވީ ޓީއެފްސީ އިންވެސްޓްމެންޓްގެ ޑިރެކްޓަރު އަހްމަދު ނަޝީދާއި، ޗިކިންގްގެ ފްރެންޗައިޒް މެނޭޖްމެންޓް ޑިވިޝަން، ބީއެފްއައި މެނޭޖްމެންޓް ޑީއެމްސީސީގެ ސީއީއޯ ސްރީކާންތު އެންޕީއެވެ. މި ރަސްމިއްޔާތުގައި، ޗިކިންގްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު އޭކޭ މަންސޫރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން، ރާއްޖޭގައި ޗިކިންގްގެ ފުރަތަމަ އައުޓްލެޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުވާނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިތުރު ދެ އައުޓްލެޓާއި އެކު، ޖުމްލަ ތިން އައުޓްލެޓް ހުޅުވަން ވަނީ ހަމަޖެހިފައެވެ.

"ޗިކިންގްގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ފާސްޓް ފުޑް އިންޑަސްޓްރީއަށް އަންނަ އާ، ތަފާތުކަމެއް. ޗިކިންގްއަކީ ރަނގަޅު ކޮލިޓީގެ، ވަރަށް ފުޅާ ރޭންޖެއްގެ ތަކެތި ކަސްޓަމަރުންނަށް އޮފަރ ކުރާ ޗެއިނެއް،" ޗިކިންގްގެ ރާއްޖޭގެ މާސްޓަރ ފްރެންޗައިޒް، ޓީއެފްސީ އިންވެސްޓްމެންޓްގެ ޑިރެކްޓަރު އަހްމަދު ނަޝީދު ވިދާޅުވިއެވެ.

ޗިކިންގްގެ ވެރިޔާ، އިންޑިއާގެ އޭކޭ މަންސޫރު އެންމެ ފުރަތަމަ ޗިކިންގްގެ އައުޓްލެޓެއް ހުޅުއްވީ މީގެ 15 އަހަރު ކުރިން ދުބާއީގައެވެ. ޗިކިންގްގެ ސްޕެޝަލިޓީ ކާނާއަކީ ކުކުޅު ކަމަށް ވާ އިރު، ގިނަ ބަޔަކު ބުނާ ގޮތުގައި ޗިކިންގްއަކީ ދުނިޔޭގެ އެންމެ ބޮޑަށް އިތުބާރު ލިބިފައިވާ، ހަލާލް ސެޓިފައިޑް ކުއިކް ސާވިސް ރެސްޓޯރަންޓް ޗެއިނެވެ.

ޗިކިންގްގެ އައުޓްލެޓެއް --

މިވަގުތު ދުނިޔޭގެ އަށް ގައުމެއްގައި، ޗިކިންގްގެ 100 އަށް ވުރެ ގިނަ އައުޓްލެޓް އެބަހުއްޓެވެ. އިންޑިއާގެ ޗެންނާއީ އަދި ޓްރިވެންޑްރަމް، ޕާކިސްތާން، މެލޭޝިއާ، ބަހްރައިން، ޔޫއޭއީ، އޮމާން، އިންޑޮނޭޝިއާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ޗިކިންގް އައުޓްލެޓްތައް ހުންނަ އިރު، އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ފިލިޕީންސް، ރަޝިއާ، ފްރާންސް، އައިވަރީ ކޯސްޓް، ތުރުކީ އަދި މޮރޮކޯ ފަދަ ގައުމުތަކުގައި ވެސް ޗިކިންގް އައުޓްލެޓްތައް ހުޅުވާށެވެ.

އަންނަ އަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ވެސް މި ފްރެންޗައިޒްގެ ދަށުން ރެސްޓޯރަންޓް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒްތައް މިހާރުވެސް ރާއްޖެއަށް ދަނީ ތައާރަފު ވަމުންނެވެ. އޭގެ ތެރޭގައި މެލޭޝިއާގެ މެރީބްރައުންގެ ބޮޑު ކެފޭއަކާއި ސީކްރެޓް ރެސިޕީގެ އެންމެ ބޮޑު އައުޓްލެޓް ރާއްޖޭގައި ހުރި އިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބާގަރ ކިންގް، ތައި އެކްސްޕްރެސް އަދި ކޮފީ ކްލަބް ފަދަ ފްރެންޗައިޒްތަކުގެ އައުޓްލެޓްތައް ހުރެއެވެ. މީގެ އިތުރުން ދާދި ފަހުން މާލޭގައި، އިންޑިއާގެ ގެ އައުޓްލެޓެއް ހުޅުވާފައިވާ އިރު، ރަސްފަންނުގައި ހަދާ ޕެވިލިއަންގައި ހުޅުވާނެކަން ވަނީ އިއުލާން ކޮށްފައެވެ.

ދުނިޔޭގެ މަޝްހޫރު ސީފުޑް ރެސްޓޯރަންޓް ޗެއިން "ދަ މެންހެޓަން ފިޝްމާކެޓް" އަދި ދެކުނު އޭޝިއާގެ ގައުމުތަކުގައި މަގްބޫލު ބަރިސްޓާ ކޮފީ ޗެއިންގެ އައުޓްލެޓެއް ވެސް މާލޭގައި ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.