މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެމްބަރުންގެ ދައުރުގެ މުއްދަތު ހަމަވެ، އާ މެމްބަރުން އެ ކައުންސިލަށް އިންތިހާބު ނުކުރެވުމުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެ ކައުންސިލް ހިނގައްޖެ އެވެ.

އެމްއެމްސީގެ މެމްބަރު ކަމުގައި ތިއްބެވި 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.

އެމްއެމްސީގެ ގާނޫނުގެ (8) ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ކައުންސިލްގެ މެމްބަރަކަށް އިންތިހާބުވާ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މީހަކަށް ކައުންސިލް މެމްބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނުގައި ބުނެފައިވެ އެވެ.

އެމްއެމްސީގައި ތިއްބެވި 13 މެމްބަރެއްގެ ދައުރު އިއްޔެގެ ނިޔަލަށް ހަމަވެފައި ވަނީ އެ މެމްބަރުންނަކީ 2014 ވަނަ އަހަރު ބޭއްވި މީޑިއާ ކައުންސިލް އިންތިހާބުން އެ ކައުންސިލަށް އިންތިހާބު ކުރި މެމްބަރުންނަށް ވާތީ އެވެ. ޑިސެމްބަރު 3، 2014، ގައި ދައުރު ގުނަން ފެށި އެ މެމްބަރުންގެ މަގާމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައި ވާތީ، މީޑިއާ ކައުންސިލް މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

ދައުރުގެ މުއްދަތު ހަމަވި މެމްބަރުންގެ ތެރޭގައި އެމްއެމްސީގެ ރައީސް މުހައްމަދު އާސިފާއި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ނަފީސް ވެސް ހިމެނެ އެވެ. އެމްއެމްސީގެ މެމްބަރު ކަމުގައި މިހާރު ތިއްބެވި ދެ މެމްބަރުންނަކީ "އަވަސް" އޮންލައިންގެ ފަރާތުން އިންތިހާބުވި މުހައްމަދު އަފްޒަލް އާމިރާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުވި މުހައްމަދު ހައްސާނެވެ. އެ ދެ މެމްބަރުންނަކީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރުގެ މެދުތެރެ އިން އިންތިހާބު ކުރި ދެ މެމްބަރުންނެވެ.

މިދިޔަ ހުކުރު ދުވަހު ބާއްވަން އުޅުނު މީޑީއާ ކައުންސިލްގެ އިންތިހާބު ހޯމް މިނިސްޓްރީން ވަނީ ފަސްކޮށްފައެވެ. އިންތިހާބު ބާއްވަން 21 ގަޑިއިރަށްވެފައި ވަނިކޮށް، ހޯމް މިނިސްޓްރީން ބުނީ އެ އިންތިހާބާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަމުންދާތީ އާއި އިންތިހާބާ ގުޅޭ ގޮތުން ގިނަ ފަރާތްތަކުން ޝަގުވާ ހުށަހަޅަމުން ދާތީ ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ އިންތިހާބު ފަސްކޮށްފައިވާ ކަަމަށެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން 86 މީޑިއާއަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ. ރަޖިސްޓްރީ ކުރި މީޑިއާތަކުގެ ތެރޭގައި ނުހިންގާ މީޑީއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ރަޖިސްޓްރީ ކުރިތާ ތިން މަސް ހަމަނުވާ މީޑިއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.