17 Jun 2011, 10:18
ހއ. ފިއްލަދޫގައި ބަކަރިތަކަކާއެކު ބަޔަކު ޖިންސީ ގުޅުން ހިންގާކަމުގެ ޝަކުވާ އެ ބަކަރިތަކުގެ ވެރިފަރާތުން އެ ރަށު ކައުންސިލަށް ހުށަހަޅައިފައިވަނިކޮށް ރޭ ދަންވަރު އެ ބަކަރިތަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލަދީ މަރާލައިފައި ހުއްޓާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
އެ ބަކަރިތަކުގެ ވެރިފަރާތްް ކަމުގައިވާ ފިއްލަދޫ ނާޒް، މަރިޔަމް ޒޫނާ ބުނި ގޮތުގައި މަރާލާފައިވަނީ ބޮޑު ހަތަރު ބަކަރިއާއި، ކުޑަ ދެ ބަކަރި އެކެވެ. ބޮޑު ހަތަރު ބަކަރި އޮތީ "ކަތިވަޅިއެއް ކަހަލަ އެއްޗަކުން ކަތިލައިފަ" ކަމަށް އޭނާ ބުންޏެވެ. އަދި ކުޑަ ދެ ބަކަރި ގަލުން ތަޅާ މަރާލާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފިރިމީހާ ނިދާފައި އޮތީމަ އަޅުގަނޑު ދަނޑަށް އައީ. އެއީ 6:50 ގައި. އައިއިރު މި ފެނުނީ މަރާލައިފަ ހުއްޓާ. ވަޅި ޖަހައި، ވަރަށް ބޮޑަށް އަނިޔާކޮށްފައި ހުރި ބޮޑު ބަކަރީގެ ކަރަށް. ތުއްތު ދެ ބަކަރީގެ ބޮލުގައި ގަލުން ޖަހައިފަ ޗިސްކޮށްލައިފަ ހުރީ،" ޒޫނާ ބުންޏެވެ.
އެ ބަކަރިތައް ގެންގުޅެން މީހުން ދިރުއުޅޭ ހިސާބާއި ދުރުގައި އޭނާގެ ފިރިމީހާ ހަދާފައިވާ ބަކަރި ކޮއްޓާއި އަދި ދަނޑަށް ވެސް ގެއްލުންދީ، މަސް ދުވަހު ކުރި މަސައްކަތް އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ޒޫނާ ބުންޏެވެ.
"ކަރާތަކާއި މިރުސްތަކާއި ބަރަބޮލާއި ފެންޖަހަން ބޭނުންކުރާ ކުރާ ތަކާއި ޕަމްޕާއި ހުރިހާ އެއްޗެއް ހުރީ ހަލާކުކޮށްލައިފަ. ދެން ބައެއް ގަސްތައް އެބަހުރި ސަލާމަތުން. އެކަމަކު މަސް ދުވަހުގެ މަސައްކަތަށް މިހިރީ އަރައިގެންފައި. ބަކަރިއާ އެއްކޮށް ބަލާނަމަ އެއީ 67000ރ. އަށް ވުރެ ބޮޑު ގެއްލުމެކޭ ބުނެވޭނީ،" ޒޫނާ ބުންޏެވެ.
އޭނާ ބުނީ، އެ ހަމަލަދިން ކަމަށް ޝައްކު ކުރެވޭ ބަޔަކު އެބަތިބި ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް ބަޔާން ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އަނިޔާވެރިގޮތަކަށް އެ ބަކަރިތައް މަރާލާފައި އެވަނީ، އެސޮރުމެންނާ ޖިންސީ ގުޅުން ހިންގާ ކަމުގެ ޝަކުވާ ވެރިފަރާތުން ފިއްލަދޫ ރަށު ކައުންސިލަށް އިއްޔެ ހުށަހަޅައިފަވަނިކޮށެވެ. އަދި މީޑިއާގައި އެ ހަބަރު ވަރަށް ބޮޑަށް ރިޕޯޓުވެސް ކޮށްފައިވަނިކޮށެވެ.
އެ ބަކަރިތައް ގެންގުޅުނު ކޮއްޓަށް ކޮންމެ ރެޔަކު ބަޔަކު ވަދެ ދެ ބަކަރިއަކަށް ތަކުރާރުކޮށް ޖިންސީ ގޯނާތަކެއް ކޮށްފައިވާ ކަމަށް ވެރިފަރާތުން ބުނެފައިވެ އެވެ.
ރަށު ކައުންސިލުން ބުނެފައިވަނީ، ބަކަރިތަކަށް ޖިންސީ ގޯނާ ކުރާކަމަށް ޝައްކުކުރެވެނީ އެ ރަށުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންތަކެއް ކަމަށެވެ. ނަމަވެސް، އެކަން ޔަގީން ނުވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ފިއްލަދޫގައި ބަޔަކު ބަކަރިތަކަކަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި މިވަނީ ހދ. މަކުނުދޫގައި ވެސް ބަޔަކު ގިތެލަކާއެކު (ބަކަރީގެ ފިރިހެން ވައްތަރު) ޖިންސީ ގުޅުން ހިންގި މައްސަލައެއް މިދިޔަ އޭޕްރިލް މަހު ރިޕޯޓްކޮށްފައިވަނިކޮށެވެ.