ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަނިޔާވެރިކަމާއި ތަފާތު ކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮންމެ ހަތް މީހުންގެ ތެރެއިން އެކަކީ ކޮންމެވެސް ވަރެއްގެ ނުކުޅެދުންތެރި ކަމެއް ތަހައްމަލް ކުރަމުންދާ މީހެއް ކަމަށް އދ. ގެ ދިރާސާތަކުން ދައްކާ ކަމަށެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ކޮންމެ އަހަރަކު ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ބޭނުމަކީ އާއްމު ފަރުދުންނެކޭ އެއްފަދައިން ނުކުޅެދޭ ފަރާތްތަކަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި ފަސޭހަކަމާއެކު ޣީރަތްތެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ބާރުއެޅުން ކަމަށެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް އެކި އެކި މައްސަލަ ހުށަހެޅިފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އާއިލާގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި، އާއިލާ އާއި މުޖުތަމައުއިން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުން އެފަރާތްތަކަށް ނުލިބުމާއި ތައުލީމު ފޯރުކޮށްދިނުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން އެފަރާތްތަކަށް ލިބެންވާ އިނާޔަތް ނުލިބުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހިމެނޭ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ރައްކާތެރިވެ އެއް ހަމައެއްގައި ދިރިއުޅުމުގެ ހައްގު ހޯދައިދިނުމަށާއި، އިޖްތިމާއީ ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްހަތެއް ލިބުމުގެ މަހު ތަނަވަސްކޮށްދީ، އެފަރާތްތަކަށް އެކަށޭނަ ތައުލީމު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކުރަން ފަށާފައިވަނީ މީގެ 24 އަހަރު ކުރިން ޑިސެމްބަރު 3، 1992 ވަނަ އަހަރުގަ އެވެ. މިއަހަރުގެ ޝިޔާރަކަށް ކަނޑައަޅާފައިވަނީ، "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި އެވެ.