ސްޕެނިޝް ލަލީގާގައި ފަހު ވަގުތު ރެއާލް މެޑްރިޑުން ބާސެލޯނާ ހިފަހައްޓައިފި އެވެ.

'އެލް ކްލަސިކޯ'ގެ ނަމުން މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ މިރޭ ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައި ވަނީ ބާސާގެ އަމިއްލަ ދަނޑު، ކޭމްޕް ނޯ ގައެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، ރެއާލުން ފުރުސަތުތަކެއް ހޯދާފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރު މާސެލޯ އަދި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ބާސާގެ ނުރައްކާތެރި ފޯވަޑް ލައިނުގައި ހިމެނޭ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި، ބްރެޒިލް ތަރި ނޭމާ އަދި އުރުގުއާއީ ތަރި ލުއިސް ސުއަރޭޒް އަށް މެޗުގެ ފުރަތަމަ ހާފުގައި ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް މިނެޓް ފަހުން ބާސާ އިން ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ސަޕޯޓަރުން ހެއްވާލައިފަ އެވެ. ނޭމާ ނަގައިދިން ހިލޭ ޖެހުމަކުން ބާސާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު ވެސް ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ނޭމާ އާއި، މެސީ އަދި ބަދަލު ކުޅުންތެރިޔާ އަންދުރޭސް އިނިއެސްޓާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. ނޭމާ އުފެއްދި ހަމަލާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔަ އިރު، މެސީ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އިނިއެސްޓާ އުފެއްދި ހަމަލާ، ޑެނިއެލް ކާވޭހަލް ގައިގައި ޖެހިފައި ވަނީ ބްލޮކްވެފަ އެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ރެއާލުން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗުގެ އެންމެ ފަހު މިނެޓުގަ އެވެ. ލޫކާ މޮޑްރިޗް ނަގައިދިން ހިލޭ ޖެހުމަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީ އޭރިޔާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއެކު އަދިވެސް އެއް ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ދެ ވަނައިގައި އޮތް ބާސާ އަށް ކުޅުނު 14 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ކުޅުނު 14 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.