03 Dec 2016, 21:30
އިނގިރޭސި ޕްރިމިއާ ލީގުގައި އެންޓޯނިއޯ ކޮންޓޭގެ ޗެލްސީން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ވެސް ބަލިކޮށްފި އެވެ.
ލީގުގައި މިރޭ ރަށުން ބޭރުގައި ޗެލްސީ ކުޅުނު މެޗުގައި ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ލަނޑުންނެވެ. މިއީ ލީގުގައި ވިދިވިދިގެން ޗެލްސީ މޮޅުވި އަށް ވަނަ މެޗެވެ.
އެ މެޗުގެ ފުރަތަމަ ހާފު، ސިޓީން ނިންމާލީ 1-0 ލަނޑުން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ފެނުނު އެ ލަނޑަކީ ޗެލްސީގެ ގޭރީ ކޭހިލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އެ ލަނޑު ކޭހިލް އަތުން ބައިކޮޅަށް ވަދެފައި ވަނީ ޖީސަސް ނަވާސް ނެގި ނުރައްކާތެރި ހުރަހެއް ގޯލް ކުރިމަތިން ކްލިއަރކޮށްލަން އުޅުމުގެ ތެރޭގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ
އެ މެޗުގެ 60 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސެސް ފެބްރިގާސް ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވަޑް ޑިއޭގޯ ކޮސްޓާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑި ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.
ޗެލްސީން ނަތީޖާ ހަމަހަމަކުރިތާ ދިހަ މިނެޓް ފަހުން އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި އޮޓަމެންޑީ ކައިރިން ނައްޓާލުމަށްފަހު، ކޮސްޓާ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އެވެ.
ސިޓީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ޗެލްސީން ވަނީ އެ ޓީމު ދަމަހައްޓަމުންދިޔަ ލީޑު ފުޅާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި މެޗުގެ އެންމެ ފަހު މިނެޓުގައި މާކޮސް އަލޮންސޯ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް ވިންގާ އެޑެން ހަޒާޑެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓް ދެއްކި ނަމަވެސް، ސިޓީއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އިތުރު ވަގުތުކޮޅު ތެރޭގައި ޕްރެޝަރާ ކުރިމަތިލަމުންދިޔަ ސިޓީގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ވެސް ދައްކާފައިވެ އެވެ. ޑޭވިޑް ލުއިޒް އަށް ކުރި ފައުލަކާ ގުޅިގެން ސާޖިއޯ އަގުއެރޯ އަށް ރަތްކާޑެއް ދެއްކި އިރު، މާގިނައިރުތަކެއް ނުވަނީސް ބޯޅަ ނެތިސް ފެބްރިގާސް އަށް ހަމަލާ ދިނުމާ ގުޅިގެން ސިޓީގެ ފާނެންޑީނިއޯ އަށް ރަތް ކާޑެއް ދެއްކި އެވެ.
އެ ނަތީޖާއާ އެކު ލީގު ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ ޗެލްސީ އެވެ. ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއެކު ޗެލްސީ އަށް 34 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ސިޓީ އަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ. ސިޓީ އަށްވުރެ ގޯލުގެ ތަފާތުން ލިވަޕޫލް ކުރީގައި އޮތް އިރު، ސިޓީ ވަނީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް އާސެނަލަށް 13 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.