03 Dec 2016, 20:42
ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން ތަކެތީގެ އަގު 1.9 ޕަސަންޓަށް މައްޗަށް ދިޔަ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
ސަރުކާރުން ޒަމާނުއްސުރެ، ކާޑުގެ ބާވަތްތަކަށް ދެމުން ދިޔަ ސަބްސިޑީ، އޮކްޓޫބަރު މަސް ފެށުމާ އެކު ވަނީ ކަނޑާލައިފައެވެ. އެއާ އެކު 3.98 ރުފިޔާ އަށް ކުރިން ވިއްކަމުން އައި ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. ހަކުރު ކިލޯޯ 4.50 ރުފިޔާއިން އަށް ރުފިޔާއަށް، އަދި ފުށް ކިލޯ 3.50 ރުފިޔާއިން 5.96 ރުފިޔާއަށް ވަނީ އުފުލިފައެވެ.
މަރުކަޒީ ބޭންކުން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިވިއުގެ އޮކްޓޫބަރު މަހުގެ އަދަދުގައި ބުނެފައި ވަނީ، މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ތަކެއްޗާއި ޚިދުމަތުގެ އަގުތައް 1.7 ޕަސަންޓުން މައްޗަށް ގޮސްފައިވާ ކަމަށާއި، އޭގެ މައިގަނޑު ސަބަބަކީ ކާޑު ސަބްސިޑީ ކަނޑާލުން ކަމަށެވެ.
އެމްއެމްއޭއިން ބުނީ، ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ އަގު ބޮޑުވެފައިވާ އިރު، ގޭގޭގެ ކުލި ވެސް އިތުރުވެފައިވާ ކަމަށެވެ.
ކާޑުގެ އަގު ބޮޑުކުރުމާ އެކު ވިޔަފާރިވެރިން ވަނީ ބައެއް ތަކެތީގެ އަގު ބޮޑުކޮށްފަ އެވެ. އަދި މާލޭގެ ބައެއް ގޭގޭގެ ވެރިން ވަނީ، ކާޑުގެ އަގު ބޮޑުކުރުމުގެ ސަބަބުން ޚަރަދު އިތުރުވެއްޖެ ކަމަށް ބުނެ، ބައެއް އެޕާޓްމެންޓްތަކުގެ ކުލި ވެސް ބޮޑުކޮށްފަ އެވެ.
އެމްއެމްއޭއިން ބުނީ، ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ހުރީ 0.4 ޕަސަންޓުގައި ކަމަށާއި، ނަމަވެސް މުދަލާއި ތަކެތީގެ އަގު 1.9 ޕަސަންޓަށް މައްޗަށް ދިޔަ ކަމަށާއި، އޭގެ ސަބަބަކީވެސް ކާޑުގެ އަގު އުފުލުން ކަމަށެވެ.
ކާޑު ސަބްސިޑީ ކަނޑާލުމާ އެކު، ސަރުކާރުން ނިންމާފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް، ހަމައެކަނި ފަގީރުންނަށް އެ ސަބްސިޑީ ދިނުމަށެވެ. އެގޮތުން، ކާޑު ސަބްސިޑީގެ ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓަށް ކޮންމެ މަހަކު އެ ފައިސާ ޖަމާކޮށްދޭން ވަނީ ނިންމާފަ އެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާއެވެ. އެންސްޕާއިން ބުނެފައިވާ ގޮތުން، އޮކްޓޫބަރުގެ ނިޔަލަށް ކާޑު ސަބްސިޑީއަށް ޝަރުތު ހަމަވީ ވެ.
ސަރުކާރުން ބުނާ ގޮތުގައި، ރާއްޖެއިން ސަބްސިޑީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރާތީ، އެކަން އެގޮތަށް ނުކުރުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ސަރުކާރަށް ތަކުރާރުކޮށް ދަނީ އަންގަމުންނެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، ރާއްޖެއިން ކާޑުގެ ސަބްސިޑީގެ ގޮތުގައި ހޭދަކުރާ ފައިސާއިން ގާތްގަނޑަކަށް 126 މިލިޔަން ރުފިޔާ ޚަރަދުވަނީ ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކަމަށެވެ.