އަލް ގުދުސް(ނޮވެމްބަރު 3): ސީރިއާގެ ހަލަބުގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ސަރަހައްދުގެ ތިން ބައި ކުޅަ ދެބައި އެގައުމުގެ ސަރުކާރުގެ ފައުޖުތަކުން ހިފައިފި އެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން އިދިކޮޅު ފަރާތްތަކުން ހިފި ތާރިގް އަލް ބަބް ޑިސްޓްރިކްޓް މިހާރު ވަނީ އެގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ.

އެހެންކަމުން ފާއިތުވި ތިން ހަފްތާ ތެރޭގައި ސަރުކާރުގެ ފައުޖުތަކުން ވަނީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ބިމުގެ ތެރެއިން 60 ޕަސެންޓު ނުވަތަ ތިން ބައި ކުޅަ ދެބައި އަތުލާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިރުމަތީ ހަލަބުން އިދިކޮޅު ފަރާތްތައް ފޮނުވާލުމަށް ސީރިއާ ސަރުކާރުން ފެށި ހާއްސަ އޮޕަރޭޝަނުގައި 300 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް އޮބްޒަވޭޓަރީން ލަފާ ކުރެ އެވެ. އަދި އެސަރަހައްދަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް މީހުން ރަށް ދޫކޮށް ގޮސްފައިވާ ކަމަށް އޮބްޒަވޭޓަރީން ބުނެ އެވެ.

އަދި މީގެ ކުރިން ޔޫއެންގެ ހިއުމެނިޓޭރިއަން އެފެއާޒްގެ ޗީފް ސްޓީވެން އޯ ބްރައަން ވަނީ އިރުމަތީ ހަލަބުގެ ރައްޔިތުން ހަނގުރާމައިން ރައްކާތެރިނުކޮށްފި ނަމަ މުޅި އެސަރަހައްދު ބޮޑު ގަބުރުސްތާނަކަށް ވުމުގެ ބިރު އޮތް ކަމަށް ވިދާޅުވެފައެވެ.

ދެހާސް އެގާރަ ވަނަ އަހަރު ރައީސް ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުގެ ކުރިން ހަލަބަކީ އިގުތިސާދީ ގޮތުންނާއި ސިނާއީ ގޮތުން ސީރިއާގެ އެންމެ ކުރިއަރާފައިވާ ސިޓީ އެވެ.

ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެ ސިޓީ ވަނީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ބެހިފައެވެ. ނަމަވެސް ޝީއީ ހަނގުރާމަވެރިންނާއި ރަޝިއާގެ ވައިގެ ހަމަލާތަކުގެ އެހީގައި ސީރިއާ ސަރުކާރުގެ ފައުޖުތަކުން ވަނީ ސީރިއާ ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. (ބީބީސީ)