16 Jun 2011, 21:09
ވިޔަފާރިތަކަށް ވަތަނިއްޔާއިން އެހީތެރިވުމުގެ ސިޔާސަތުގެ ދަށުން ސެޓަލައިޓް މެދުވެރިކޮށް ރާއްޖެ ޓީވީ ބްރޯޑްކާސްޓް ކުރުމުގެ އެއްބަސްވުމެއްގައި ވަތަނިއްޔާއާއި ރާއްޖެ ޓީވީން މިއަދު އެއްބަސްވެއްޖެ އެވެ.
މިއަދު ހަވީރު ނަސަންދުރާގައި ބޭއްވި ހާއްސަ ހަފްލާގައި ރާއްޖެ ޓީވީއަށް ވަތަނިއްޔާގެ ސެޓަލައިޓުން އަޕް ލިންކެއް ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގައި ސޮޔެ ކުރެއްވީ ވަތަނިއްޔާގެ އެކްޓިން ސީއީއޯގެ ސްޓީވަން ސްމިތު އެވެ. ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ އެ ޓީވީގެ ޖެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެވެ.
ރާއްޖެ ޓީވީއަށް ދިން ވަތަނިއްޔާގެ ސެޓަލައިޓްގެ އަޕްލިންކުގެ ސަބަބުން ރާއްޖެ ޓީވީގެ ހިދުމަތް މުޅި ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބަކަށް ލިބިގެން ދާނެ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ. ވަތަނިއްޔާގެ ސީއީއޯ ސްޓީވަން ވިދާޅުވީ މިހިދުމަތް ކުރިއަށް އޮތް ތަނުގައި މޯބައިލް ތަކަށް ވެސް ލިބޭނެ ގޮތް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ފިޔަވަހިތަކަކަށް ބަހާލައިގެން މި ހިދުމަތް ކުރިއަރުވާނީ. އެގޮތުން މޯބައިލްތަކައްވެސް ތްރީޖީ މެދުވެރިކޮށް މި ހިދުމަތް ދިނުމުގެ ގާބިލްކަން އެބަހުރި،" ސްޓީވަން ވިދާޅުވި އެވެ.
ރާއްޖެ ޓީވީ އަކީ ވަރަށް ފަހުން ވުޖޫދަށް އައި ހަމަ އެކަނި ހަބަރާއި މައުލޫމާތު ފެތުރުމަށް ހާއްސަ ކޮށްފައިވާ ޓީވީ ޗެނަލެކެވެ.