ޖުމްލަ 16 ޓީމާއެކު ރ. އަލިފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ސޮސައިޓީ ފޯރ އަލިފުށީ ޔޫތު (ސޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 'ސޭ ފުޓްސަލް ޗެލެންޖް 2016' ފަށާފައި ވަނީ އިއްޔެ ހަވީރު އަލިފުށި ފުޓްސަލް ދަނޑުގައެވެ.

އެ މުބާރާތަކީ އަލިފުށީ ޒުވާނުންނަށް ހުޅުވާލައިގެން ސޭ ޖަމިއްޔާއިން އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. އެ މުބާރާތް ކުރިއަށްދަނީ މުބާރާތުގައި ބައިވެރިވެފައިވާ 16 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ މުބާރާތުގައި އަލިފުށީގެ އިތުރުން އެކި ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިން ވެސް އެކި ޓީމުތަކަށް ކުޅެ އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވާ އިރު، އެއިން ކޮންމެ ކުޅުންތެރިޔަކަށް ވެސް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. ނޮކްއައުޓް ބުރު ކުޅުމަށްފަހު ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ މެޗުތަކުން މޮޅުވާ ދެ ޓީމަށް ފައިނަލުގެ ޖާގަތައް ލިބިގެންދާނެ އެވެ. ފައިނަލް މެޗުގެ ކުރިން ތިން ވަނަ ހޮވާ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ އޭޖީ އެފްސީ އާއި، އަމައްޔާއި ސްޕޯޓްސް ކްލަބާއި، ވާނުވާ އަދި ހަތްބޯ ރާހި އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ހާޒާ އެފްސީ އާއި، އެފްސީ ބީޓަލްސް އާއި، އަފާން ސްޕޯޓްސް އަދި މަޗިއަޓޯ އެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ހަވާއީ އެފްސީ އާއި، ބްލެކް ޕީސް އާއި، ހުޅުމާލެ އެފްސީ އަދި ވަޔާ އެފްސީ އެވެ. 'ގްރޫޕް ޑީ'ގައި ހިމެނެނީ އެފްސީ ހެޔޮނުވާނެ އާއި، އަފާން ސިޓީ އާއި، އެފްސީ ދޮންމަރީ އަދި އެފްސީ އާސެނިކް އެވެ.