03 Dec 2016, 16:43
ވޮޝިންޓަން (ޑިސެމްބަރު 3): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އާއި ޓައިވާނުގެ ރައީސާ ސައި އިންގް ވެން ފޯނުން ވާހަކަ ދެއްކެވުމާ ގުޅިގެން ޗައިނާ ރުޅިގަދަވެއްޖެ އެވެ.
މީގެ ކުރިން ޗައިނާގެ ޖަޒީރާއެއް ކަމަށްވާ ޓައިވާނުގައި މިހާރު ވަކި ވެރިކަމެއް އޮތް ނަމަވެސް ޗައިނާ އިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ވަކިވެގަނެފައިވާ އެގައުމުގެ ޕްރޮވިންސެކެވެ. އަދި 1979 ވަނަ އަހަރު އެމެރިކާއިން ވަނީ ޗައިނާގެ އެ "އެއް ޗައިނާ" ސިޔާސަތަަށް ތާއިދު ކުރާ ކަމަށް ބުނެ ޓައިވާނާ ރަސްމީ ގުޅުންތައް ކަނޑައިފަ އެވެ.
އޭގެ ފަހުން ޓައިވާނާއި އެމެރިކާއާ ދެމެދުގައި ނުރަސްމީ ގުޅުންތައް އޮތް ނަމަވެސް އެމެރިކާގެ ރައީސަކު ނުވަތަ ރައީސަކަށް ވާން އުޅޭ ބޭފުޅަކު ޓައިވާނުގެ ލީޑަރަކާ ސީދާ ގޮތެއްގައި ވާހަކަ ދެއްކެވުމަކީ އާއްމު ކަމެއް ނޫނެވެ.
ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ 37 އަހަރުވީ ސިޔާސަތާ ހިލާފަށް ޓައިވާނުގެ ރައީސާއާ ފޯނުން ވާހަކަ ދައްކަވައިފަ އެވެ. އަދި އެމެރިކާ އިން ޓައިވާނަށް އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކި ނަމަވެސް އެ ގައުމުން ކުރާ މަރުހަބާގެ ފޯނު ކޯލަކަށް އޭނާ ޖަވާބު ނުދެއްވަންވީ ސަބަބަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ރައީސާ ސައި ވަނީ އޭނާ އަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ރައީސާ ސައި ޓައިވާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކަމަނާ އަށް ޓްރަމްޕް މަރުހަބާ ވިދާޅުވުމުގެ އިތުރުން އެމެރިކާ އާއި ޓައިވާނާ ދެމެދު އޮތް "އިގުތިސާދީ، ސިޔާސީ އަދި ސަލާމަތީ ގާތް ގުޅުމާ" ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ޓްރަމްޕްގެ ޓްރާންޒިޝަން ޓީމުން ބުންޏެވެ.
އެ ފޯނު ކޯލާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެގައުމުން ވަނީ އެމެރިކާ އިން ޓައިވާނާ އެއްވެސް ރަސްމީ އަދި އަސްކަރީ ގުޅުމެއް ބޭއްވުމާ ޗައިނާ އިން ދެކޮޅު ކަމަށް ބުނެފަ އެވެ. އަދި ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް "އެއް ޗައިނާ" ސިޔާސަތަށް އެމެރިކާ އިން ތާއިދު ކުރުމުގެ މުހިއްމު ކަން އެބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް ޗައިނާގެ ޒިންހުއާ ނޫހުން ބުނެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ އެފޯނު ކޯލަކީ "ޓައިވާނުން ހެދި މަކަރެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން ޗައިނާއާ ބެހޭ ގޮތުން އެމެރިކާ އިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވައިޓް ހައުސްއިން ވެސް ވަނީ އެމެރިކާ އިން ޓައިވާން މައްސަލައާ ބެހޭ ގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ބުނެފަ އެވެ. (ބީބީސީ)