03 Dec 2016, 14:44
ނިޔުޔޯކް (ޑިސެމްބަރު 3) : އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލަނިޔާ ނިޔުޔޯކުގައި ދިރިއުޅުއްވާތީ އެކަމަނާ ނިޔުޔޯކުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި އެސިޓީގެ ދިހަހާހަށް ވުރެ ގިނަ މީހުން މިހާތަނަށް ސޮއިކޮށްފި އެވެ.
ނިޔުޔޯކްގެ ގަވަރުނަރު އެންޑްރޯ ކޮމޯ އަށް ހުށަހެޅުމަށް ތައްޔާރުކުރާ މި ޕެޓިޝަންގައި މިލިޔަނެއްހާ މީހުން ސޮއިކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޓްރަމްޕް އަންނަ ޖަނަވަރީމަހު އެމެރިކާގެ ރައީސްކަމާ ޙަވާލުވެ ވަޑައިގެން އޭނާގެ ދރިއުޅުއްވުން ވައިޓް ހައުސްއަށް ބަދަލުކުރި ނަމަވެސް ޓްރަމްޕްގެ އަނބިކަނބަލުން އަދި އެމެރިކާގެ ފަސްޓްލޭޑީ މެލަނިޔާ ޓްރަމްޕް ވަނީ ނިއުޔޯކްގައި ދިރިއުޅުއްވުމަށް ނިންމަވައިފަ އެވެ.
މިޕެޓިޝަން ބުނަނީ މެލަނިޔާ ޓްރަމްޕް، ނިޔުޔޯކްގައި ދިރިއުޅުއްވާ ނަމަ އެކަމަނާއާއި އެކަމަނާގެ ފިރިހެން ދަރިފުޅުގެ ސަލާމަތީ ކަންކަމަށް ދުވާލެއްގެ މައްޗަށް މިލިޔަނެއްހާ ޑޮލަރު ނިޔުޔޯކްގެ ޓެކްސް ދައްކާ އާންމުންގެ ފައިސާ އިން ޚަރަދު ކުރަންޖެހޭތީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އެހެންކަމުން މެލަނިޔާ ޓްރަމްޕާއި އެކަމަނާގެ ފިރިހެން ދަރިފުޅު ނިޔުޔޯކުން ބޭރުކޮށްދިނުމަށެވެ.

ޓްރަމްޕްގެ ދެމަފިރިންނާއި ކުޑަ ދަރިފުޅު
ޓްރަމްޕްގެ އާއިލާ މިހާރު ދިރިއުޅެނީ ނިޔުޔޯކްގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ މެންހާޓަންގައި ހުންނަ ޓްރަމްޕްގެ އުސް އިމާރާތެއްކަމަށްވާ ޓްރަމްޕް ޓަވަރުގެ އެންމެ މަތީގައިވާ ލަގްޒަރީ ޕެންޓް ހައުސް އެއްގަ އެވެ. އަންނަ ޖަނަވަރީ މަހު ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ޙަވާލުވެ ވަޑައިގެން ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސްއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ނަމަވެސް މެލަނިޔާ ޓްރަމްޕް ވަނީ އެކަމަނާގެ ހަނގު ފިރިހެންދަރިފުޅު ކިޔަވަންދާ ސްކޫލް ނިއުޔޯކްގައި ހުންނާތީ ދަރިފުޅުގެ ސްކޫލް ދައުރު ނިމެންދެން ނިޔުޔޯކްގައި މިހާރު ވެސް ދިރިއުޅުއްވާ ޓްރަމްޕް ޓަވަރުގެ ޕެންޓްހައުސްގައި ދިރިއުޅުއްވާ ގޮތަށް ނިންމަވާފައެވެ.
މެލަނިޔާ ޓްރަމްޕްގެ މިނިންމެވުމާ އެކު އެދެމައިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދުވާލެއްގެ މައްޗަށް އެއް މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް އެމެރިކާގެ ރިޔާސީ ކަންކަން ބަލަހައްޓާ ސިއްރު ފުލުހުންނާއި ނިޔުޔޯކްގެ ފުލުހުން ބުނެ އެވެ.
މެލަނިޔާ ޓްރަމްޕް، ނިޔުޔޯކުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަން ބުނަނީ މިފަދަ ޙާލަތެއްގައި އެއްގޮތަކީ މެލަނިޔާއާއި އެކަމަނާގެ ފިރިހެން ދަރިކަލުން ނިޔުޔޯކުން ބޭރުކޮށްލުން ކަމަށާއި އަނެއްގޮތަކީ އެދެމައިންގެ ސަލާމަތީ ކަންކަމަށް ހިނގާ ޚަރަދު ޓްރަމްޕް ގެ އާއިލާއިން ކުރުމެވެ. ކޮންމެ ގޮތެއްގައި ވެސް މިފައިސާ އެމެރިކާގެ ޓެކްސް ޕޭޔަރުންގެ ޖީބުން ޚަރަދު ކުރަންނުޖެހޭނެ ކަމަށް ޕެޓިޝަންގައި ސޮއިކުރި މީހުން ދެކެއެވެ.

ޓްރަމްޕްގެ އާއިލާ (ދަރިންނާއި ދަނބި ދަރިންނާއި ކާފަ ދަރިން)
ޓްރަމްޕަކީ އެމެރިކާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޓްރަމްޕްގެ ކުންފުންޏަށް ހަމައެކަނި ސާފު ފައިދާގެ ގޮތުގައި ވެސް ދުވާލެއްގެ މައްޗަށް މިލިޔަނަކަށް ވުރެ ގިނަ ޑޮލަރު ލިބެ އެވެ. އެހެންކަމުން ޓްރަމްޕް ވަނީ އެމެރިކާގެ ރައީސް ކަމުގައި ހުންނަވާއިރު ދައުލަތުން އޭނާއަށް ދޭންޖެހޭ މުސާރަ ވެސް ނުނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ އަނބިކަނބަލުންނަކީ ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދުގައި ހިމެނުނު ގައުމެއް ކަމަށްވާ ސްލޮވީނިޔާގެ ރައްޔިތެކެވެ. އެކަމަނާއަކީ ދުނިޔޭގެ މަޝްހޫރު ބަސްތަކުގެ ތެރެއިން 7 ބަސް ދެނެވަޑައިގަންނަވާ ވަރަށް ތައުލީމީ ބޭފުޅެކެވެ. މެލަނިޔާ ޓްރަމްޕަކީ ފިރިކަލުން ޑޮނަލްޑް ޓްރަމްޕްއަށް ވުރެ 30 ވަރަކަށް އަހަރު ހަނގު ބޭފުޅެކެވެ.
ޓްރަމްޕްގެ ދޮށީ އަނބިކަނބަލުންގެ ފަރާތުން ލިބިފައިވާ ދަރިން ބޮޑެތި ވެފައިވާއިރު އެދަރިންގެ ފަރާތުން ކާފަ ދަރިންވެސް ޓްރަމްޕަށް ލިބިވަޑައިގެންފައިވެ އެވެ. ނަމަވެސް މެލަނިޔާގެ ބަނޑުން ޓްރަމްޕަށް ލިބިފައިވާ ހަނގު ފިރިހެންކުއްޖާ އަދި ވަރަށް ކުޑައެވެ. އެކުއްޖާ ކިޔަވަނީ ނިޔުޔޯކްގެ އިންޓަނޭޝަނަލް ސްކޫލެއްގަ އެވެ. ކިޔެވުމަށް އަހަރެއްގެ މައްޗަށް 40 ހާސް ޑޮލަރު ޚަރަދުވާ ކަމަށްވެ އެވެ. (އިންޑިޕެންޑެންޓް)