03 Dec 2016, 13:21
ބްރެޒިގެ ފުޓްބޯޅަ ކްލަބު ޗަޕަކޮއެންސަށް އެހީތެރިވުމުގެ ގޮތުން ބްރެޒިލް ފުޓްބޯޅަ ލެލްޖެންޑް ރޮނާލްޑީނިއޯ އާއި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ހުއާން ރޯމަން ރިކޭލްމީ އެ ކްލަބަށް ކުޅެން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި، އެ ދެ ފުޓްބޯޅަ ލެޖެންޑުން ބްރެޒިލްގެ ޗަޕަކޮއެންސް އަށް ކުޅެން ނިންމީ އެ ޓީމު ދަތުރުކުރަމުން ދިޔަ ފްލައިޓް ވެއްޓި، 19 ކުޅުންތެރިޔަކު މަރުވި ހާދިސާއާ ގުޅިގެން އެ ކްލަބަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ރިކޭލްމީ ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާންކޮށްފައިވީ ނަމަވެސް އަލުން ކުޅެން ފަށާނެ ކަމަށް ހަބަރުތައް ބުނާ އިރު، ރޮނާލްޑީނިއޯގެ އެޖެންޓް ވަނީ ކޮންމެ ގޮތަކަށް ވިޔަސް އޭނާ އެ ކްލަބަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަން ކަށަވަރުކޮށްދީފަ އެވެ.
ރިކޭލްމީ އެންމެ ފަހުން ކުޅެފައި ވަނީ 2014 ވަނަ އަހަރު އާޖެންޓީނޯސް ޖޫނިއާސް އަށެވެ. އެއަށް ފަހު ކުޅެން ހުއްޓާލިކަން އިއުލާންކުރި ރިކޭލްމީ އަކީ އާޖެންޓީނާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހަތަރު ފަހަރަކު ހޯދާފައިވާ ކުޅުންތެރިއެކެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ބާސާާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ރޮނާލްޑީނިއޯ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ އަހަރު ބްރެޒިލްގެ ފުލިމިނޭސީ އަށެވެ. އެ ކްލަބަށް ކުޅުމަށް ފަހު އަދި އޭނާ އެއްވެސް ކްލަބަކާ ގުޅިފައެއް ނުވެ އެވެ. ބްރެޒިލް ގައުމީ ޓީމާ އެކު ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ރޮނާލްޑީނިއޯ ވަނީ 2004 އަދި 2005 ވަނަ އަހަރު ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފަ އެވެ.
ޗަޕަކޮއެންސަށް އެހީތެރިވުމަށް ބްރެޒިލްގެ ބޮޑެތި ކްލަބުތަކަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެ އެވެ. އެގޮތުން ބްރެޒިލްގެ ގިނަ ކްލަބުތަކަކުން ލޯނުގެ ދަށުން ހިލޭ އެ ކްލަބަށް ކުޅުންތެރިން ދޫކުރަން ނިންމާފައިވެ އެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތިން ސީޒަނުގައި ރެލިގޭޓް ނުވެ، ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި ޗެޕަކޮއެންސަށް ކުޅެވޭނެ ގޮތަށް ގަވާއިދެއް އެކުވަލަވާލުމަށް ވެސް އެ ކްލަބަކުން އެދިފައިވެ އެވެ.
ޗަޕަކޮއެންސް ޓީމު ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓުނީ ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި ވާދަކުރަން ކޮލަމްބިއާ އަށް ދަތުރު ކުރަމުންދަނިކޮށެވެ. އެ ފްލައިޓްގައި ދަތުރުކުރި ޗަޕަކޮއެންސްގެ ޓީމުން ސަލާމަތްވީ ތިން ކުޅުންތެރިއެކެވެ.