ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، އެ އަތޮޅު އަތޮޅު ހޮސްޕިޓަލުގައި އޮތް ލަންދު އަަށް ނިސްބަތްވާ ވަރަށް ހާލު ދެރަ މީހަކު މާލެ ފޮނުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދުމުން "އަޅުގަނޑަކީ ލޯންޗް ސެކްޝަން ހިންގާ ބޭފުޅެއް ނޫނޭ" ވިދާޅުވެ، ރައީސް ޖަވާބު ދެއްވި ކަމަށް ބުނެ، ލަންދޫ ކައުންސިލުން އެ ޖަވާބު ކުށްވެރިކޮށްފި އެވެ.

މިނިވަން މެމްބަރުންގެ އަޣުލަބިއްޔަތު އޮތް ލަންދޫ ކައުންސިލުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނަނީ، އެރަށު ދޮންވެލި، މުހައްމަދު އުމަރު ހިތުގެ ބައްޔެއްގައި އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދަނިކޮށް އޭނާގެ ހާލު ދެރަވެ، މާލެ ގެންދާނެ ގޮތެއް ނެތިގެން އުޅޭ ވާހަކަ ނ. އަތޮޅަށް ރައީސް ނަޝީދު ވަޑައިގެން އުޅުއްވަނިކޮށް ލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަޔާޒު އެމަނިކުފާނު އަރިހު ދެންނެވި ކަމަށެވެ.

އަދި އަތޮޅު ތެރޭގައި މާލެ ފުރާ ދޯންޏެއް ނެތް ކަމަށާއި ކައިރި ރިސޯޓެއްގެ ސީ ޕްލޭނަކުން ވެސް ޖާގަ ނުލިބުނު ކަމަށް ދަންނަވައި ބަލި މީހާ މާލެ ފޮނުވޭނެ ގޮތެއް ހަމަޖައްސައިދެވިދާނެތޯ ކައުންސިލްގެ ރައީސް. ރައީސް އަރިހުގައި އެދިވަޑައިގަތް ކަމަށެވެ.

ރައީސް އެހެން ވިދާޅުވިއިރު، ފުލުހުންގެ ތިން ލޯންޗާއި ރައީސް އޮފީހުގެ ދެ ލޯންޗާއި އަދި އެމްއެންޑީއެފްގެ ދެ ލޯންޗާ އެކު ޖުމްލަ ހަތް ލޯންޗު މަނަދޫ ފަޅު ތެރޭގައި އޮތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އިތުރަށް ބަޔާނުގައި ބުނެ އެވެ: "..ޖުމްލަ ހަތް ލޯންޗު ފަޅު ތެރޭގައި އެވަގުތު އޮތް ހިނދު ގައުމުގެ އިސްވެރިޔާ އެފަދަ ހާލަތެއްގައި އެފަދަ ޖަވާބެއް ދެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އަދި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ލަންދޫ ކައުންސިލް އިން ކުށްވެރިކުރަމެވެ."

އެ ބަޔާނުގައިވާ ގޮތުގައި އެންމެ ފަހުން ބަލި މީހާ ފޮނުވީ ހައުސިން މިނިސްޓްރީގެ ބޭފުޅުން ވަޑައިގެންނެތި ލޯންޗުގެ "ހައިޖެކްކޮށް، އެ ލޯންޗުގެ ކައްޕި އާއި ޒުވާބުކޮށް މި ޒުވާބުގައި ގަޑިއެއްހާއިރު ހޭދަވި" ފަހުން ކަމަށެވެ. ކައުންސިލުން ބުނާ ގޮތުގައި، ފުރަތަމަ އެ ލޯންޗުގައި ބަލި މީހާ ގެންދިއުމަށް ވެސް ދެކޮޅު ހެދީ އެވެ.

ނަމަވެސް، މާލެ ގެނައުމަށް ފަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް އާދީއްތަ ދުވަހު އެމީހާ ވަނީ މަރުވެފަ އެވެ.

ރައީސް ނަޝީދާ ދެކޮޅަށް ލަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ހުރިހާ ކައުންސިލަރުންގެ ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކައުންސިލަރާއި ޑީއާރްޕީގެ ކައުންސިލަރުންގެ އަމިއްލަ ތިން ކައުންސިލަރެކެވެ.

މި ބަޔާނާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނ. އަތޮޅަށް މިދިޔަ ހަފުތާގައި ރައީސް ވަޑައިގަތީ ނ. އަތޮޅު ކައުންސިލްގެ އިހުތިސާސްތެރޭގައި ހިމެނޭ ބިންތައް ރަސްމީކޮށް ހަވާލުކުރުމަށްޓަކަ އެވެ.