03 Dec 2016, 11:04
އުމުރާއަށް ގެންގޮސްދޭނެ ކަމަށްބުނެ ބަޔަކަށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި އެސްބީޓީ ހައްޖު އުމުރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވެ ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތުން ބާގިރުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 1434 ވަނަ އަހަރު ރަމަޟާން މަހު އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ 13 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވުމުންނެވެ.
އެމީހުން އަތުން ޖުމްލަ 490،000 ރުފިޔާއަށްވުރެ ގިނައިން ނަގާފައިވާކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝަރީއަތުގެ މަޖިލީހުގައި ބާގިރު ދައްކާފައިވާ ވާހަކަތަކުންނާއި ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާއިން އެ ފައިސާއަށް ބާގިރު ހިޔާނާތްތެރިވިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ބާގިރު ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އެމައްސަލައިގެ އިތުރުންވެސް ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ އިތުރު ދެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ބުރާސްފަތި ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.
މީގެކުރިން މިދިޔަ އޭޕްރީލް މަހު ބާގިރުގެ މައްޗަށް ހިޔާނާތުގެ ދައުވާއެއް ސާބިތުވެ އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.